ލޯކަލް ކައުންސިލް އިންތިޚާބަށް ފޯމް ހުށަހަޅަން ކޯޓުން ފުރުޞަތު ދޭނެ: ޚަލީލް

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓުންގެ ފޯމް ހުށަހެޅުމަށް ކޯޓުން ފުރުޞަތު ދެއްވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޚަލީލް މިއަދު ވިދާޅުވީ ޕީޕީއެމް އަކީ ރާއްޖޭގައި މިހާރުު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާއިރު ގިނަ ބައެއްގެ ހައްޤުތައް ގެއްލިގެންދާނެ ގޮތަށް ކޯޓުން އަމަލު ނުކުރައްވާނެކަމަށް ވެސް ޔަޤީންކުރައްވާ ކަމަށެވެ.
ޕާޓީގެ ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓެއްގެ ފޯމް އަދި މިހައިތަނަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައި ނުވާނެ ކަަމަށެވެ. ހުށަހެޅުއްވިފައި ނުވަނީ ޕާޓީގެ އެއްވެސް ލިޔެކިޔުމެއް ޕާޓީއަށް ލިބިފައި ނުވާތީ ކަމަށެވެ.
"ޕާޓީގެ މެންބަރެއްކަން އަންގައިދޭނެ އެއްވެސް ލިޔެކިޔުމެއް ނެތި ކިހިނެއްތޯ ފޯމް ހުށަހަޅާނީ. އެ ސަބަބަށްޓަކައި އަޅުގަނޑުމެން ކޯޓަށް ދިއައީ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޕްރައިމަރީ ބާއްވަންޖެހޭ ތަންތަނުގައި ޕްރައިމަރީ ބާއްވަވާނެ ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ލޯކަލް ކައުންސިލުގެ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އިތުރަށް ހުޅުވައިނުލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ