ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދައިފިއެވެ.
ޕޮލިސް ކްލަބު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލުގައި އިހަވަންދޫ ޕޯލްސްޓާގެ މައްޗަށް 1-3 ސެޓުން ކުރި ހޯދައިގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު 25-17 އިން ގެންދިޔައީ ޕޮލިސް ކްލަބުންނެވެ. ނަމަވެސް ޖެހިގެން އައި ސެޓު ވާދަވެރި ކުޅުމަކަށްފަހު 18-25 އިން އިހަވަންދޫއިން ވަނީ ގެންގޮސް، މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
އިހަވަންދޫއިން މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް، ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށް ޕޮލިސް ކްލަބުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. އެ ދެ ސެޓު ޕޮލިސް ކްލަބުން ގެންދިޔައީ، 18-25 އަދި 15-25 އިންނެވެ. ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސްގެ ހައްވާ ޝާހިދާއެވެ.
މެޗަށްފަހު ވަނީ މުބާރާތުގެ އެކި ވަނަތަކަށް އައި ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްފައެވެ. މިމުބާރާތުގެ ފައިނަލް މެޗު އަދި ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެވެ. އެ މަނިކުފާނުގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު އަހްމަދު ޒުހޫރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޯލްސްޓާގެ ތައިލެންޑް ކުޅުންތެރިޔާ މޯލީއެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ނައިފަރު ޖުވެނައިލްގެ ހައްވާ އަރީޝާއެވެ.
މިމުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ދިއްދޫ ޓީނޭޖް ބޯއީސްގެ ފާތިމަތު ޖޫޝާން ހޮވުނުއިރު، މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ކޯޗް މުހައްމަދު ނަދީމް އެވެ.
ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފުލުހުން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ