ޕީޕީއެމް އިސްލާހުކުރަން މައުމޫނު އިސްނެންގެވުމަކީ ހެޔޮ ފާލެއް: ނަޝީދު

ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްނަންގަވައިގެން ވެރިކަން ކުރާ ޕީޕީއެމް އިސްލާހުކުރުމުގެ މަސައްކަތް ފެށުމަކީ ހެޔޮފާލެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ އަހްލާގު ގެއްލިފައިވާ ކަމަށް ވިދާޅުވެ އެޕާޓީ އިސްލާހުކުރުމަށް ރައީސް މައުމޫން އިސްވެ ހާއްސަ މަސައްކަތްތަކެއް ފެއްޓެވުމާ ގުޅިގެން ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން މައުމޫނަށް އަމާޒުކުރައްވާ ފާޑުކިޔަމުންދާ ވަގުތެއްގައި މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް މައުމޫން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޕީޕީއެމްގެ އަމަލުތައް މިއަދު ހުރި ގޮތުން ޕާޓީއަށާއި ގައުމަށް ގެއްލުންތަކެއް ވަމުންދާ ކަމަށާއި އެހެންކަމުން ޕާޓީގެ އެތެރޭގައި އިސްލާހު ކުރަންޖެހޭ އެތައް ކަމެއް ހުރިކަން އެމަނިކުފާނަށް ގަބޫލުކުރެވޭތީ ޕާޓީ އިސްލާހު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ހިމެނޭ ގޮތަށް މި މަސައްކަތް ކުރުމަށް އަށް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މިކޮމިޓީގައި ހިމެނޭ ބޭފުޅުންނަށް ބަލާއިރު ކުރީގެ ވަޒީރުން ކަމުގައިވާ ސީނާ އަހްމަދު ޒާހިރުއާއި، ހަމްދޫން ހަމީދާއި، ރާޝިދާ ޔޫސުފާއި، އަނީސާ އަހްމަދާއި، ޖެންޑަ މިނިސޓްރީގެ ސްޓޭޓް މިނިސްޓަރު އާތިފާ ޝުކޫރާއި، ޖެންޑަ މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އައިމިނަތު ނާދިރާ ފަދަ ރައީސް މައުމޫނަށް ވަފާތެރި ބޭފުޅުން ހިމެނެ އެވެ.
ކޮމިޓީގައި ހިމެނޭ ބޭފުޅުންނަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫން އިސްނެންގެވުމަށް ޕީޕީއެމް އިސްލާހުކުރުމަށް މިބޭފުޅުން މަސައްކަތް ކުރައްވަން ނިންމެވުމަކީ ހެޔޮފާލެއް ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަންކަން އިސްލާހު ކުރުމަށް ހުރިހާ ސިޔާސީ ފަރާތްތަކަކުންވެސް އިންނަންގަވަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ