އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވައިފި

އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު، މެމްބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވީ އިއްޔެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު 33 ފަރާތަކުން ކުރިމަތިލާފައިވާ ކަަމަށެވެ. އޭގެތެރެއިން ތިން ބޭފުޅެއްގެ ނަން ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށްވެސް މުއާޒް ވިދާޅުވި އެވެ.
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މަޖިލީހަށް ނަން ފޮނުވާފައިވާ ތިން ބޭފުޅުންނަކީ ޝިފާގު މުފީދް އާއި އައިޝަތު އަފްރީން މުހައްމަދާއި އައިމިނަތު އީނާސް އެވެ.
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ފޮނުވާފައިވާ ޝިފާގު މުފީދް (ހިސްޓޯ) އަކީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދުދާއިރާގެ ކުރީގެ މެމްބަރެވެ.
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަންގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ މުއްދަތު ހަމަވާތީ އެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމުގެ ދައުރު އޮގަސްޓް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހަމަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް އަޒުރާ އާއި ނައިބް ރައީސް އަހްމަދު ތޮލާލް އާއި މެންބަރު ޖީހާން މަހުމޫދެވެ.
މިތިން ބޭފުޅުންގެ އިތުރުން ކޮމިޝަންގައި ތިއްބަވާ އަނެއް ދެ ބޭފުޅުންނަކީ ޑރ. އަލީ ޝަމީމާއި އައްޝައިހް އަހްމަދު އަބްދުލް ކަރީމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ