ކޮރަޕްްޝަން ހުއްޓުވަން ރައީސް ޔާމީނުގެ ސަރުކާރުން ކުރެއްވީ ކޮންކަމެއްތޯ؟ އަބްދުﷲ ރިޔާޒް

ގައުމުގެ ސިޔާދަތަށް ގެއްލުންވާ މިންވަރަށް ކޮރަޕްޝަން ފެތުރިފައިވާއިރު، އެކަން ހުއްޓުވުމަށް ރައީސް ޔާމީނުގެ ސަރުކާރުން ކުރެއްވީ ކޮންކަމެއްތޯ ކިބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ސުވާލު ކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓަރު އާދަމްް ޝަރީފު އުމަރަށް އަމާޒުކުރައްވައި މެމްބަރު ރިޔާޒް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ގައުމުގެ ސިޔާދަތު ގެއްލުވާލާ މިންވަރަށް ކޮރަޕްޝަން ފެތުރިގެން ދިޔައިރު ރައީސް ޔާމީނުގެ ސަރުކާރުން އެކަން ހުއްޓުވަން ކުރެއްވީ ކޮން ކަމެއްތޯ؟ އެވެ.
ރިޔާޒުގެ އެ ޓްވީޓުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރައީސްޔާމީން ހިންގި ބޮޑު ކޮރަޕްޝަންގެ ޖަރީމާ ނުހުއްޓުވުނީ ކީއްވެގެންތޯ؟ އާއި އަދި މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސްސާވިސް އަދި އެންޓިކޮރަޕްޝަން ކޮމިޝަންގެ ދައުރު އަދާނުކުރީ ކީއްވެތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.
ނަސްރުގެ ދުވަހުގެ މުނާސަބާގައި އެމްއެންޑީއެފުން ނޮވެމްބަރު 3 ވީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްްސާ ޝަރަފުވެރި ކޮށްދެއްވަމުން ދިފާއީ ވަޒީރު، އާދަމް ޝަރީފު އުމަރު ވިދާޅުވެފައިވަނީ ކޮރަޕްޝަން މަދުކޮށް ނުފޫޒުގެ ބޭނުން ކުރުން ހުއްޓާލައި، އާހިތްވަރަކާއެކު މިގައުމު އާރާސްތު ކުރުމުގެ މަސައްކަތް މިއަދު ކުރަންޖެހިފައިވާ ކަމަށެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ދުވަހާގުޅޭ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މާއްދިއްޔަތާއި ނުފޫޒުގެ ބޭނުންކޮށްގެން ދިވެހި ގައުމިއްޔަތުގެ ބަދަލު ގެނެވިދާނެ ކަމުގެ އިންޒާރުގެ ރަގަބީލު އަޅަމުންދާ ކަމަށެވެ.
މިއީ ހަމައެކަނި މިއަދު ހިނގަމުންދާ ކަމެއް ނޫން ކަމަށާއި، މިކަމަކީ މާކުރީއްސުރެ ދައްކަމުންދާ ވާހަކައެއްކަމަށާއި އެކަމަކީ ނުހަނު ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ.
މީގެ އިތުރަށް މިނިސްޓަރުވަނީ އާޝޯހުވެ ކަންބޮޑުވާ މިންވަރަށް ކޮރަޕްޝަނާއި މާދިއްޔަތުގެ ނުފޫޒު މިމުޖުތަމައުގެ ތެރޭގައި އަށަގަނެފައިވާކަން ފާހަގަކުރައްވާފައެވެ.
"މިދެންނެވި ހާލަތުތައް ތަކުރާރުވަމުންދަނީ އޭގެ ޒާތުގައި ތިމާގެ ވިސްނުމާއި ފިކުރާ އަގީދާ ބަލިކަށިވެ އާންމު އުސޫލުތަކާއި ހަމަތަކާއި، ގާނޫނީ އިމުގެ ބޭރުން ތިމާގެ އަބުރާ އިއްޒަތާއި ޝަރަފާއި އިއްޒަތް ވެއްޔާ މޮޑެލާ އަދި އަމިއްލަ އެދުމާއި ދަހިވެތިކަން ތިމާ އިސްކުރުމުން." މިނިސްޓަރު ވިދާޅުވިއެވެ.
އާދަމް ޝަރީފު ވިދާޅުވީ މިމައްސަލަތައް ހައްލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުންނާއި ރައްޔިތުންނާއި ރައްޔިތުންގެ ހާދިމުން އަމިއްލަ ޖަމާއަތްތަކުންނާއި، ވަކިވަކި ފަރުދުން ﷲ ސުބްހާނަހޫ ވަތައާލާއަށް ބިރުވެތިވެ ނަޒާހަތްތެރިކަމާ ބެހޭ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.
އަދި ކޮރަޕްޝަން މަދުކޮށް ނުފޫޒުގެ ބޭނުން ކުރުން ހުއްޓާލުމާއެކު އާހިތްވަރަކާއެކު މިގައުމު އާރާސްތު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ މިގައުމުގެ ސިޔާދަތުގެއްލި ދިވެހިން އަޅުވެތި ވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވެރިން ހިޔާތާއި ބޮޑެތި ވައްކަންތައް ކޮށްފައިވާކަން ތުހްމަތުކުރާއިރު، މިއީ އެފަދަ ތުހްމަތުތަކެއްގެ ވާހަކަ ޑިފެންސް މިނިސްޓަރު ޝަރީފު ދެއްކެވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ