ގާސިމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބެލެވޭ ޖާގައެއް ނެތް: މެންބަރު ނަޝީދު

ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުރުމުގައި ހުރަހެއް ނެތް ކަމަށް ގާނޫނީ ވަކީލު އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ވިދާޅުވީ،  ގާނޫނު އަސާސީގެ 124 (ނ) ގައި ބުނަނީ ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމާ ހަވާލުވާތީ ، ރައީސެއްގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަވާންޖެހޭނެ ކަމަށެވެ. މަޖިލީހުގެ ރައީސް ކަމަށް އަންނަ އިރު އެ ޝަރުތު ފުރިހަމަ ވާންޖެހޭ ވާހަކައެއް އޭގައި ބަޔާން ނުކުރާ ކަމަށާއި އެ ޝަރުތު ފުރިހަމަ ވާންޖެހެނީ  ރައީސް ކަމާ ހަވާލުވާ ވަގުތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދު ފާހަގަ ކުރެއްވި އަނެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާ ކަމާ ހަވާލުވުމާއި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތާ ހަވާލުވުމާ ތަފާތު ކަމަށާއި 124 (ނ) ގައި ބުނަނީ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވާ ވާހަކަ ކަމަށެވެ. މަގާމާއި ހަވާލު ވުމާއި މަސްއޫލިއްޔަތާ ހަވާލުވުން ތަފާތު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން 124 (ނ) ގައި ބަޔާން ކޮށްފައިވާ  ރައީސް ކަމާއި ރައީސްގެ މަސްއޫލިއްޔަތާ ހަވާލުވުމަކީ އެއްކަމެއްގެ ގޮތުގައި ބަލައިގަތް ނަމަވެސް ރައީސެއްގެ ޝަރުތު މަޖިލީހެއްގެ ރައީސެއްގައި ފުރިހަމަވަން ޖެހޭނީ ރައީސް ކަމާ ހަވާލުވާންޖެހޭ ވަގުތު ކަމަށާއި މަޖިލީސް ރައީސް ކަމާހަވާލުވާ ވަގުތު ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސަށް ރައީސްގެ މަސްއޫލިއްޔަތާ ހަވާލު ނުވެވޭ ހާލަތެއްގައި އެކަން ކުރަންވާ ގޮތް ވަރަށް ސާފުކޮށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށާއި އެގޮތުން މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތާ ހަވާލު ނުވެވޭ ހާލަތެއްގައި އެކަން ކުރައްވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ބަޔާން ކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ގާސިމްގެ ޝަރުތު ހަމަނުވާ ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށާއި ރައީސް ކަމުގެ ޝަރުތު ފުރިހަމަވޭތޯ ބަލަންޖެހޭނީ އެކަމާ ޖެހުމުން ކަމަށެވެ.
މެންބަރު ނަޝީދު މިހެން ވިދާޅުވެފައިވާ އިރު ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ވަނީ ގާސިމަށް މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުރުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރިކަން ފާހަގަ ކުރައްވާފައެވެ. އަދި އެކަންކަން މަޖިލީހުގެ ކައުންސެލް ޖެނެރަލް އޮޅުން ފިލުވާ ދެއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމާ ސުވާލު އުފައްދާފައިވާ ގާނޫނީ މައްސަލައަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހައި ގުޅިގެން އުފެދުނު މައްސަލައެވެ.
އޭރުވަނީ ރައީސުލްޖުމްހުރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ އުމުރަކީ 30 އަހަރާއި 65 އަހަރު ކަމަށް ކަނޑައަޅާފައެވެ.
މި އިސްލާހު ގެނައުމުގެ ކުރިން ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ހަމައެކަނި ބަޔާން ކޮށްފައިވަނީ ރައީސްކަމުގެ މަގާމަށް ކުރިމަތިލެވޭނެ އުމުރު އެކަންޏެވެ. ރައީސްކަމުގެ މަގާމަށް ކުރިމަތި ނުލެވޭނެ ދޮށީ އުމުރަކީ ކޮބައި ކަމެއް އެ މާއްދާގައި ވެސް އަދި ގާނޫނު އަސާސީގައި ވެސް ބަޔާން ކޮށްފައެއް ނުވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ ރައިސް ކަމުގެ މަގާމަށް ގާސިމް ހޮވިވަޑައިގަތީ 62 މެންބަރުންގެ ވޯޓާއެކުއެވެ. އެމަގާމަށް ވާދަކުރެއްވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށް ލިބިޑައިގަތީ 16 މެންބަރުންގެ ވޯޓެވެ.  މަޖިލީހުގެ ރައީސް ހޮއްވެވުމަށްޓަކާ ނެގި ސިއްރު ވޯޓުގައި 80 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ