އަޅުގަނޑުގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ވެދާނެ: ރައީސް ޔާމީން

މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮންނަ ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ވެދާނެ ކަމަށް ކުރީގެ ރައީސް، ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. 
މިއަދު މެންދުރު 1.30 އިން ފެށިގެން 4 ގަދިއެއްހައިއިރުވަންދެން ފުލުސް އޮފީހުގައި ހޭދަކުރެއްވުމަށްފަހު ނުކުމެވަޑައިގެން ވިދާޅުވީ ފުލުހުން މިއަދު ސުވާލުކޮށްފައިވަނީ އިސްލާމިކް ބޭންކުގައި އޮންނަ ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި 1 މިލިއަން ޑޮލަރުގެ މައްސަލައިގައި ކަމަށެވެ. 
ރައީސް ޔާމީން ވިދާޅުވީ އޭސީސީ އާއި އެމަނިކުފާނާއި ދެމެދު މިދިއަ އަހަރުގެ މާރިޗްމަހުގެ 25 ވަނަ ދުވަހު ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ޖޫން މަހުގެ ކުރީކޮޅު ބީއެމްއެލްގައި އޮންނަ އޭސީސީގެ ބާރު ހިނގާ އެކައުންޓަކަށް 1 މިލިއަން ޑޮލަރު ޖަމާކުރައްވާފައިވާނެ ކަމަށެވެ. "އަޅުގަނޑު ނުޖެހޭ އެ ފައިސާ ޖަމާކުރާކަށްވެސް. އެ މައްސަލަ ބެލުމަށްފަހު އަޅުގަނޑު އަތުން އަތުލަން ޖެހޭނަމަ އެ ފައިސާ އަތުލަން ޖެހޭނީ. ނަމަވެސް އަޅުގަނޑުވެސް ބޭނުންވެގެން އެއްބަސްވުމެއްގެ ދަށުން ފައިސާ ޖަމާކުރީ. އެއްބަސްވުމުގައި އޮންނާނީ އޭސީސީ އިން ކޯޓުން މައްސަލަ ނިމެންދެން އެ އެކައުންޓުގަ ފައިސާ ބަހައްޓަން." 
ރައީސް ޔާމީން ވިދާޅުވީ މިކަމުގައި އެމަނިކުފާނުގެ މައްޗަށް ތުހުމަތުތައް ކުރުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި ތުހުމަތުތަކާއި ގުޅިގެން ސުވާލުކުރުމުން ޖަވާބު ދެއްވާނެ ކަމަށެވެ. މިއަދު ބެލީ އެކައުންޓަށް ފައިސާ ޖަމާކުރުމުގައި ހިނގާފައިވާ އިޖުރާއީ މައްސަލައެއް ކަމަށް ވިދާޅުވެ މިހައި ގިނަ ދުވަސްވަންދެން އެ މައްސަލަ ފާހަގަކޮށް ނުބަލައި އޮތުމުން ރައީސް ޔާމީން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ