އައިޖީއެމްއެޗަށް ވުރެ އޭޑީކޭއިން ފަރުވާ ހޯދާ މީހުން ގިނަ: ދިރާސާ

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ވުރެ، އޭޑީއޭ އިން ފަރުވާ ހޯދާ މީހުން ގިނަ ކަމަށް އޮޑިޓާ ޖެނަރަލް އޮފީހުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
އޮޑިޓާ ޖެނަރަލްގެ އޮފީހުން އެ ދިރާސާކޮށްފައި ވަނީ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރުމުގެ މަގްސަދު ހާސިލުވެފައިވާ މިންވަރާ ގުޅޭ ގޮތުން އެ އޮފީހުން ކުރި ޕާފޯމަންސް އޮޑިޓަކަށެވެ. އެ އޮފީހުން ތައްޔާރު ކުރި ޕާފޯމަންސް އޮޑިޓް ރިޕޯޓް މިދިޔަ ހަފްތާގައި އެ އޮފީހުން ވަނީ އާންމުކޮށްފައެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ސިއްހީ ދާއިރާ މެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް 101 މީހަކު ބައިވެރިކޮށްގެން ސާވޭއެއް ކުރިއެވެ. އެ ސާވޭގައި ޑޮކްޓަރުންނާއި ނަރުހުން އެންމެ ބޮޑަށް ބޭނުން ވަނީ ކޮން ދާއިރާއަކުންކަމާއި ސިއްހީ ބޭނުމަށް އެންމެ ގިނައިން ހިދުމަތް ހޯދަނީ ކޮން އިދާރާއަކުން ކަމާއި އޭގެ ސަބަބާއި ޑޮކްޓަރުންނާއި ނަރުހުން ބަލި މީހުން ބަލަނީ އެކަމަށް އެކަށީގެންވާ ޓްރޭނިން ލިބިގެންތޯ ބަލާފައިވާނެ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.
އޮޑިޓް އޮފީހުން ކުރި ސާވޭގައި ބައިވެރިވި 35 ޕަސެންޓް މީހުން ބުނެފައި ވަނީ އެ މީހުން އެންމެ ގިނައިން ހިދުމަތް ހޯދާފައި ވަނީ އޭޑީކޭ ހޮސްޕިޓަލުން ކަމަށެވެ. އޭގެ އިތުރުން އައިޖީއެމްއެޗުން ހިދުމަތް ހޯދާ މީހުންނަށް ވުރެ، ކްލިނިކްތަކުން ހިދުމަތް ހޯދާ މީހުން ވެސް ގިނަ ކަމަށް އެ ސާވޭއިން ދައްކައެވެ. އެ ސާވޭގައި ބައިވެރިވި 31 ޕަސެންޓް މީހުން ހިދުމަތް ހޯދަނީ ކްލިނިކްތަކުން ކަމަށާއި 17 ޕަސެންޓް މީހުން ހިދުމަތް ހޯދަނީ އައިޖީއެމްއެޗުން ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
އެ ސާވޭ އިން ދައްކާ ގޮތުން ރާއްޖެއިން އެންމެ ބޮޑަށް ޑޮކްޓަރުން ބޭނުން ވަނީ ނިއުރޮލޮޖީ ނުވަތަ ނާރުގެ ކަންކަމަށެވެ. ދެ ވަނައަށް އެންމެ ބޮޑަށް ބޭނުންވަނީ ކާޑިއޮލޮޖީ ނުވަތަ ހިތުގެ ބަލިތަކަށެވެ. ތިން ވަނައަށް އެންމެ ބޮޑަށް ބޭނުންވަނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނެވެ.
އެ ސާވޭގައި ބުނެފައި ވަނީ ދިވެހިން ޑޮކްޓަރަށް ދެއްކުމުގައި އެންމެ ބޮޑަށް ބަލަނީ އަގު ހެޔޮ، ނުވަތަ އާސަންދަ ލިބޭ ތަނަކަށް ނޫނެވެ. ދިވެހިން އެންމެ ބޮޑަށް ބަލަނީ ފަސޭހައިން ދެއްކޭނެ ތާކަށް ޑޮކްޓަރަށް ދެއްކުމަށެވެ. އެގޮތުން ސާވޭގައި ބައިވެރިވި 41 ޕަސެންޓް މީހުން ބުނެފައި ވަނީ އެ މީހުން އެންމެ އިސްކަން ދެނީ ފަސޭހައިން ދެއްކޭނެ ތާކަށް ދެއްކުމަށް ކަމަށެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ރަނގަޅު ޑޮކްޓަރަކަށް ދެއްކުމަށް ސަމާލުކަން ދީފައި ވަނީ ސާވޭގައި ބައިވެރިވި 34 ޕަސެންޓް މީހުނެވެ. އަގުހެޔޮ އަދި އާސަންދަ ލިބޭ ތަނަކަށް ދެއްކުމަށް ސަމާލުކަން ދެނީ ސާވޭގައި ބައިވެރިވި 11 ޕަސެންޓް މީހުން ކަމަށް އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ވެއެވެ.
އޮޑިޓާ ޖެނަރަލްގެ އޮފީހުން ކުރި ދިރާސާގައި ބައިވެރިވި 69 ޕަސެންޓް މީހުން ބުނެފައި ވަނީ ޑޮކްޓަރުންނާއި ނަރުހުން ބަލި މީހުން ބަލަނީ އެކަށީގެންވާ ޓްރޭނިން ނުލިބި ކަމަށެވެ.
ސިއްހީ ދާއިރާގެ ޕާފޯމެންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވާ ގޮތުން 2016 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ތިބި ދިވެހި ޑޮކްޓަރުންގެ އަދަދު 139އަށް އަރައެވެ. އެއީ ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ 21 ޕަސެންޓް ކަމަށް އެ ރިޕޯޓުގައި ވެއެވެ.
ރާއްޖޭގައި 2016 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރާ ބިދޭސީ ނަރުހުންނަށް ވުރެ ދިވެހި ނަރުހުން ގިނަ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން ދިވެހި ނަރުހުންގެ އަދަދު 1214 އަރާއިރު، އެއީ ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުންގެ 53 ޕަސެންޓެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ