މަރުވެފައިވާ ހަ މީހަކާއި 18 އަހަރުން ދަށުގެ ކުއްޖެއް ހިތަދޫ މެދު ދާއިރާގެ ލިސްޓްގައި!

މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި ރިއާސީ އިންތިހާބްގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޖުމްހުރީ ގުޅުމުން އިލެކްޝަން މައްޗަށް ދައުވާ ކުރަން މަސައްކަތް ކުރަމުން އަންނަ އިރު ހިތަދޫ މެދު ދާއިރާގެ ވޯޓު ލިސްޓުގައި މަރުވެފައިވާ ހަ މީހަކާއި 18 އަހަރުން ދަށުގެ ކުއްޖަކު ލިސްޓް ކުރެވިފައިވާ ކަމަށް ޖުމްހުރީ ގުޅުމުން ބުނެފި އެވެ.
ޖުމްހުރީ ގުޅުމުން ބުނީ މަރުވެފައިވާ މީހުންގެ ތެރެއިން ވޯޓު ލިސްޓްގައި ހިމެނިފައިވަނީ ސ.ހިތަދޫ ފެއަރލިން އަބްދުﷲ ޙުސައިން އާއި ހިތަދޫ އިތާމުތްގޭ އަބްދުﷲ އާއި ހިތަދޫ މުގުރީގޭ މަރިޔަމް ނަޝީދާ ދީދީ އާއި ހިތަދޫ ފަރުދާ ބަގީޗާގޭ މުހައްމަދު ހަސަން އާއި ހިތަދޫ ކަށިމާގޭ އިބްރާހިމް ދީދީގެ އިތުރުން ހިތަދޫ ސަރާސަރުގެއާގޭ އައިޝަތު ފާއިޒާ އެވެ.
އަދި 18 އަހަރު ނުފުރޭ ކުއްޖަކަށް ލިސްޓު ކުރެވިފައިވަނީ ހިތަދޫ ބަރާބަރުގޭ އަޙްމަދު ޖިނާޙް(އަޖްނަދު )އެވެ. އަދި އޭނާގެ ނަން ލިސްޓުގައި ޖަހާފައި ވަނީ ނުބައިކޮށް ކަމަށް ޖުމްހުރީ ގުޅުމުން ބުނެ އެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 20،000 މީހުން ގާނޫނާއި އުސޫލުތަކާ ހިލާފަށް ވޯޓް ލާފައިވާ ކަމަށް ވޯޓުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ޖުމްހޫރީ ގުޅުމުގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
އަދި ރޭ އެޕާޓީން ބޭއްވި ބައްދަލުވުމެއްގައި ގާސިމް އިބްރާހިމް ވިދާޅުވީ މިއަހަރުގެ ނޮވެމްބަރު 11ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާނީ އެ މަނިކުފާން ކަމަށެވެ.
"މާތްﷲ އިރާދަކުރެއްވިއްޔާ މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނާނީ ގާސިމް އިބްރާހިމް،" ޖުމްހޫރީ ޕާޓީގެ މައި ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ