ހުޅުމާލޭ ކޯޓުން ބަލަމުންދިޔަ ހުރިހާ މައްސަލަތަކެއް ވަގުތީ ގޮތުން ހުއްޓާލައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާކުރާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް ހައި ކޯޓުން އިއްޔެ ކުރި އަމުރާ ގުޅިގެން ހުޅުމާލޭ ކޯޓުން ބަލަމުންދިޔަ ހުރިހާ ބާވަތެއްގެ މައްސަލަތަކެއް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހައި ކޯޓުގެ އެ އަމުރާ ގުޅިގެން އެ ކޯޓުގެ މަސައްކަތްތަކުގެ ތެރެއިން ވަރިކައިވެންޏާއި ހަޟާނަތާއި އާއިލީ މައްސަލަތަކާއި ގޯތިގެދޮރުގެ މައްސަލަތަކާއި މަދަނީ މައްސަލަތަކުގެ އިތުރުން ޖިނާއީ މައްސަލަތަކާއި ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަތައް މަޑުޖައްސާލާފައިވާ ކަމަށެވެ.
ވަގުތީ އަމުރާއި ގުޅިގެން އެ ކޯޓުން ކުރަމުން ގެންދާ ހުރިހާކަމެއް ވަގުތީ ގޮތުން ހުއްޓާލީ ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައިވާ ފަދައިން އެ އަމުރުގެ ބާރުވެރިކަން އެ ކޯޓުގެ ހުރިހާ މަސައްކަތްތަކަށް ހިނގާނެތީ ކަމަށް ވެސް ހުޅުމާލެ ކޯޓުން ބުނެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމުން ބޭރުން ހައްޔަރުކުރި މައްސަލައިގައި ހުޅުމާލޭ ކޯޓުން ކުރަމުން އަންނަ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ނުގެންދިއުމަށް ހައިކޯޓުން އަމުރު ނެރުނީ އިއްޔެ ހެނދުނު އެވެ.
ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހުޅުމާލޭ ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައާއި ގުޅިގެން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ހައިކޯޓުން ގޮތެއް ނުނިންމަނީސް ހުޅުމާލޭ ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ.
އަދި ހައިކޯޓުގައި ނަޝީދު އިސްތިއުނާފު ކުރައްވާފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން ނަޝީދުގެ ޝަރީއަތް ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންގޮސްފިނަމަ، އޭނާއަށް ކަށަވަރު ކޮށްދޭންޖެހޭ ހައްގުތަކެއް ކަށަވަރު ނުކުރެވި އެކަމުގެ ސަބަބުން ނަޝީދަށް ގެއްލުން ލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތުގެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. މިމައްސަލަ އިއްޔެ ސުޕްރީމް ކޯޓަށް ހުށައެޅީ ޖޭއެސްސީއިންނެވެ. މީގެކުރިން ވެސް ޖޭއެސްސީއިން މިމައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ