ބޮމުގެ ހަމަލާގައި ހައްޔަރު ކުރެވުނު މީހުންނާއި ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް އުމަރު ދޮގެއް ނުކުރެއްވި

މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ބޮމެއް ގޮއްވާލައިގެން ދެވުނު ހަމަލާ އާއި ގުޅިގެން ހާދިސާގެ ތަހްގީގަށް ހައްޔަރުކުރެވުނު މީހުންގެ މައުލޫމާތު ހާމަކުރެވެން ނެތްކަމުގައި އެމައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކުލަވާލައްވާފައިވާ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ކޮމިޝަންގެ ތަހުގީގާއި ގުޅޭގޮތުން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވާތީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށާއި، ނަމަވެސް މީޑިއާތަކުން އެ ވާހަކަ ފެންނަމުންދާ ކަމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، އެމެރިކާގެ ނޫސް އެޖެންސީއެއް ކަމަށްވާ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގައި ހޯމް މިނިސްޓަރާއި ހަވާލާދީ ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އުމަރު ނަސީރު މިއަދު ވިދާޅުވެފައިވަނީ އޭޕީގައި ލިޔެފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވެފައިވާއިރު، ރިޔާސީ ލޯންޗްކޮޅުގައި ދެވުނު ހަމަލާ އާއި ގުޅިގެން ސިފައިންގެ ދެމީހަކު ބަންދު ކުރެވިފައިވާކަމަށް މީޑިއާގައި ވަނީ ރިޕޯޓްކުރެވިފައެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުމަރު އިތުރަށް ވިދާޅުވީ ރިޔާސީ ލޯންޗްކޮޅުގައި ގޮއްވާލާފައިވަނީ ބޮމެއްކަން ތަހްގީގަށް ކަށަވަރު ކުރެވިފައިވާ ކަމަށާއި، ނަމަވެސް މިކަމާއި ގުޅުންހުރި އިތުރު ތަފްސީލު އަދި މިވަގުތު ހާމަކުރެވެން ނެތްކަމަށެވެ.
އުމަރު ނަސީރާއި ހަވާލާދީ އޭޕީ ބުނާގޮތުގައި، ގޮވާއެތި ހަރުކޮށްފައިވަނީ ރައީސް އަށް ހާއްސަ ކުރެވިފައިވާ ގޮނޑިކޮޅުގެ ދަށުގައެވެ. އަދި މިހަމަލާ އަކީ ސީދާ ރައީސަށް އަމާޒުކޮށް ދެވުނު ހަމަލާއެއް ކަމަށާއި، މިހަމަލާގެ މަގްސަދަކީ އެވަގުތުއެ ލޯންޗްގައި ތިބި އެންމެން މަރާލުމުގެ ބަދަލުގައި ސީދާ ރައީސް އަވަހާރަކޮށްލުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމަކަށް ގެންދިއުން ކަމުގައި މިނިސްޓަރު އުމަރާއި ހަވާލާދީ އޭޕީ ބުނެއެވެ.
އިއްޔެގެ ނޫސް ކޮންފަރެންސް ގައި މިނިސްޓަރި ވިދާޅުވީ މިހަމަލާ އަކީ އެންމެ މަތީ ދަރަޖައިގެ އަދަބު ދޭނެ ކުށެއް ކަމަށާއި، ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދައި އެބަޔަކަށް ހައްގު އަދަބު ދޭނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
ރިޔާސީ ލޯންޗު "ފިނިފެންމާ"ގައި ބޮމެއް ގޮއްވާލާފައިވަނީ، ރައީސުލްޖުމްހޫރިއްޔާއާއި އަނބިކަނބަލުން، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މާލެ ވަޑައިގަންނަވަނިކޮށެވެ. އެ ލޯންޗު، މާލޭގެ އިއްޒުއްދީން ފާލަމާއި ގާތް ކުރަނިކޮށް ބޮން ގޮވުމާއި އެކު، ލޯންޗުގެ ފަހަތުގައި ހުރި ދޮރު ވަނީ ވެއްޓިފައެވެ.
މި ހާދިސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީއާއި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފާތިމަތު މުހައްމަދު ސޯލިހުގެ އިތުރުން، ރައީސްގެ ހަށިފާރަވެރިޔާ މުހައްމަދު އަބްދުލްނާސިރަށް ވަނީ އަނިޔާވެފައެވެ. އަންޑަރ ސެކްރެޓަަރީ ފާތިމަތާއި ބޮޑީގާޑު މުހައްމަދު ނާސިރުގެ ހަށިގަނޑުގެ ބައެއް ތަންތަން ފިހިފައިވާ އިރު، އަންޑަރ ސެކްރެޓަރީ ފާތިމަތު އާއި ބޮޑީގާޑް ވަނީ އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައެވެ.
މީގެއިތުުރުން، މެޑަމް ފާތިމަތު އިބްރާހިމް ދީދީގެ ބުރަކަށިފުޅުގެ ހަތަރު ތަނަކުން ރެނދު ލާފައިވާތީ، އެކަމަނާވެސް އަދިވެސް އޮންނެވީ އައިޖީއެމް ހޮސްޕިޓަލުގައެވެ
ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާ ތަހްގީގު ކުރުމަށް، ސެޕްޓަމްބަރު 29 ވަނަ ދުވަރު ރައީސް އެކުލަވާލެއްވި ނޭޝަނަލް އިންކުއަރީ ކޮމިޝަން ގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާ ކާނަލް އަބްދުއްރައޫފް ކެޕްޓަން އަލީ އިހުސާން އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްްޝީދު އެސިސްޓެންޓް ކޮމިޝަނާ އަބްދުﷲ ނަވާޒު ޗީފް ސްޓޭޝަން އިންސްޕެކްޓާ މުހައްމަދު ސާމިހެވެ. މި ކޮމިޝަންގެ މަސައްކަތް ހިނގަމުންދަނީ ކޮމިޝަންގެ ޗެއަރ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބެއްލެވުމުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ