އަދީބުގެ މައްޗަށް ހުށަހެޅި ދައުވާތައް ކޯޓުން ބޭރުކޮށްލުމުން އަދީބު މިނިވަންވެއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހުރިހާ ދައުވާއެއް ކްރިމިނަލް ކޯޓުން ދެންމެ ބޭރުކޮށްލުމާ އެކު، އޭނާ މިނިވަންވެއްޖެ އެވެ.
އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.
ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ހަތް މައްސަލައިގައި ވެސްް އަދީބު ދައުވާއަށް އިއުތިރާފުވާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ބުނީ، އެ އެއްބަސްވުން ހެދީ އަދީބު ބޭނުން ވެގެން ކަމަށެވެ.
ނަމަވެސް އެކަން ދޮގުކޮށް އަދީބު ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރަން އެދިވަޑައިގަތީ އޭރުގެ ޕީޖީ އައިޝަތު ބިޝާމާއި ފުލުހުންގެ ބައެއް އޮފިސަރުން އޭނާއާ ބައްދަލުކުރުމަށްފަހުގައި ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރީ ޖަލުގައި ހުއްޓާ ކުރިމަތި ވި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ކަމަށާއި، ބޭރަށް ފުރުނީ އެ އެއްބަސްވުމުގައި ސޮއިކޮށް އިއުތިރާފުގެ ބަޔާން ނެގުމުން ކަމަށެވެ.
އެދުވަހުގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވަނީ ދައުލަތާއި އަދީބާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭ ކަންކަން ދިރާސާކުރައްވައި، އެ އެއްބަސްވުމުގެ ސައްހަކަމާމެދު ގޮތެއް ނިންމުމަށް ގިނަ ސުވާލުތަކެއް ކުރައްވައިފަ އެވެ.
އެއަށްފަހު މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ވަނީ، އަދީބުގެ އިއުތިރާފް ބަޔާނަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނާ ހިލާފަށް އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށާއި އަދި އެ އެއްބަސްވުންތަކަށް ބިނާކޮށް އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބާތިލް ކަމަށް ނިންމަވައިފަ އެވެ. އެއާއެކު ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއްގައި ހުންނެވި އަދީބު އެއްކޮށް މިނިވަން ވާނެ އެވެ.
އިތުރު ތަފްސީލު އަންނަނީ ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ