ޓްރިޕްއެޑްވައިޒާގެ ރިވިއުއަކާ ހެދި ތައިލެންޑުން ޓޫރިސްޓަކަށް ދައުވާކޮށްފި

ތައިލެންގައި ވަޒީފާ އަދާކުރާ އެމެރިކާ މީހަކު ޗުއްޓީ ހޭދަކުރި ތައިލެންޑްގެ ރިސޯޓަކާ ގުޅޭ ގޮތުން ޓްރިޕްއެޑްވައިޒާގައި ފާޅުކުރި ހިޔާލުތަތަކާ ގުޅިގެން އޭނާގެ މައްޗަށް އެ ރިސޯޓުން ދައުވާކޮށްފި އެވެ.
މީޑިއާތަކުން ބުނީ ވެސްލީ ބާނީޒް ކިޔާ މީހާގެ މައްޗަށް ދައުވާކުރަނީ ތައިލެންޑްގެ ކޯ ޗަންގް އައިލެންޑްގައި ހިންގާ ސީ ވިއު ރިސޯޓުން ކަމަށެވެ. އޭނާ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެތަނަށް ކުރި ދަތުރަކަށް ފަހު ޓްރިޕްއެޑްވާޒައިގައި ބުނެފައި ވަނީ ސީ ވިއު ރިސޯޓްގެ މުވައްޒަފުންނަކީ ޓޫރިސްޓުންނާ ވަރަށް ގުޅުން ކުޑަ، ރުންކުރު އަދި އެތަނަށް ބަޔަކު ދާން ބޭނުން ނުވާ ކަހަލަ ގޮތަކަށް އަމަލުތައް ގެންގުޅޭ ބައެއް ކަމަށެވެ.
މީގެ އިތުރުން އެހެން ބައެއް ސައިޓްތަކުގައި ވެސް ސީ ވިއު ރިސޯޓާ ބެހޭ ގޮތުން ބާނީޒް ބުނެފައި ވަނީ އެއީ ހިދުމަތް ރަނގަޅު ނޫން އަދި މި ޒަމާނުގެ އަޅުންގެ ގޮތުގައި މުވައްޒަފުން ގެންގުޅޭ ތަނެއް ކަމަށެވެ. އެހެންވެ ކޮރޯނާވައިރަހަށް ވުރެ ސީ ވިއު ނުރައްކާތެރި ކަމަށާއި ރައްކާތެރި ގޮތަކި އެތަން އިހުތިޔާރުނުކުރުން ކަމަށް ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ސީ ވިއު ރިސޯޓުން ބާނީޒް އަށް ދައުވާކުރަން ނިންމީ އެ ރިސޯޓްގެ ތަސައްވުރު ހަޑިވާ ގޮތަށް އެކި ސައިޓްތަކުގައި "ގޯސް" ރިވިއުތައް ލިޔެމުންދާތީ އެވެ. އަދި މީގެ ސަބަބުން އެތަނަށް ގެއްލުންތަކެއް ވަމުންދާ ކަމަށާއި އެކަން އޭނާ ތަކުރާރު ކުރަމުންދާތީ ރިސޯޓްގެ މޫނުމަތި ވެސް ހަރާބުވަމުންދާ ކަމަށް ބުނެފައިވެ އެވެ.
ސީ ވިއު ރިސޯޓްގެ މަންޒަރެއް.
ވިޔަފާރި ހަލާކުކޮށްލަން މަސައްކަތްކުރާ ކަމަށް ބުނެ ބާނީޒް އަށް ދައުވާކުރި އިރު، ސީ ވިއު ރިސޯޓުން އޭނާގެ މައްސަލައެއް ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. އެއީ ބާނީޒް އަށް ސާވްކުރި ބައެއް ތަކެއްޗަށް ފައިސާ ދައްކަން ދެކޮޅު ހަދައި ރިސޯޓްގެ މުވައްޒަފުންތަކަކާ މާރާމާރީ ހިންގި ކަމަށް ބުނެ އެވެ. އެ މައްސަލައާ ގުޅިގެން ބާނީޒް ހައްޔަރުކުރި ނަމަވެސް ކަފާލާތުގެ ދަށުން މިހާރު ހުރީ ދޫކޮށްލައިފަ އެވެ.
އޭނާގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ދެ އަހަރުގެ ޖަލު ހުކުމަކާ އެކު، 200،000 ބާތު (6،300 ޑޮލަރު) ގެ ޖޫރިމަނާއެއް އަންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ