އެއްވެސް އެހެން މީހެއްގެ ލީޑަޝިޕްގެ ފަހަތަކަށް ނާރަނަން: އުމަރު ނަސީރު

އެއްވެސް އެހެން މީހެއްގެ ލީޑަޝިޕްގެ ފަހަތަށް ނާރަނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ ސީއެންއެމްގެ "އިތުރު ކާފު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެގޮތުން އުމަރު ވިދާޅުވީ މިހާރު ހުރީ އެއްވެސް ބޭފުޅެއްގެ ދަށުން މަސައްކަތް ކުރައްވާ ގޮތަށް ނޫން ކަމަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށްވިޔަސް ނުވަތަ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިިމް ކަމަށްވިނަމަވެސް ކަމަށް އުމަރު ވިދާޅުވިއެވެ.
"ޔާމީންގެ ލީޑަޝިޕުގެ ފަހަތަކަށްވެސް އަޅުގަނޑު ނާރާނަން، ގާސިމް އިބްރާހީމްގެ ލީޑަޝިޕުގެ ފަހަތަކަށްވެސް ނާރާނަން. އެއްވެސް އެހެން މީހެއްގެ ލީޑަޝިޕުގެ ފަހަތަކަށް އަޅުގަނޑު ނާރާނަން. އަޅުގަނޑު ފޮލޯ ނުކުރާނަން ދެން އެއްވެސް ލީޑަރަކަށް.''
އުމަރު ނަސީރު
އުމަރު ވިދާޅުވީ އުމަރު ވާނީ ލީޑަރަކަށް ކަމަށެވެ. އަދި ކުރިޔަށް އޮތްތާގައި އެއްވެސް ޕާޓީއަކާ ގުޅިވަޑައިގަންނަވާނީ އެ ޕާޓީއެއްގެ އެންމެ މަތީ ސިޔާސީ މަގާމު ލިބޭނެ ކަމަށްވާނަމަ ކަމަށް އުމަރު ވިދާޅުވިއެވެ.
އެގޮތުން ޕާޓީއެއްގެ ސިޔާސީ އެންމެ މަތީ މަގާމު އިންތިހާބަކަށް ހުޅުވުނިއްޔާ އެ ޕާޓީއަކާ ގުޅޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެއްވެސް މީހަކަށް ފޮލޯ ނުކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރައީސް ޔާމީނުގެ އަރިހުގައިވެސް މިފަދައިން ވިދާޅުވެފައިވާނެ ކަމަށެވެ. އެގޮތުން ޕާޓީގެ އެންމެ މަތީ މަގާމު ހުސް ކޮށްލުމަށްފަހު، ރައީސް ޔާމީން އެހެން މަގާމަކަށް ބަދަލުވެއްޖެނަމަ ޕީޕީއެމްއާއި އުމަރު ގުޅެން ތައްޔާރަށް ހުރި ކަމަށް މީގެ ކުރިންވެސް ރައީސް ޔާމީނަށް ދަންނަވާފައިވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އަދިވެސް ޕީޕީއެމްއާ ގުޅުމުގެ ޝައުގުވެރިކަން ހުންނަ ކަމަށެވެ. ޕީޕީއެމްއަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި، އުމަރާއި ރައީސް ޔާމީންގެ ހިއްސާ އެއްވަރަކަށް އޮވެގެން އުފެއްދި ޕާޓީއެއް ކަމަށެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި ޕީޕީއެމްއަކީ އުމަރުގެ ޕާޓީއެއް ކަމަށް އުމަރު ވިދާޅުވިއެވެ. ކަން މިހެން ހުރި ނަމަވެސް އުމަރަކީ ރައީސް ޔާމީންގެ ސަޕޯޓަރެއް ނޫން ކަމަށާއި، މީހެއްގެ ދަށުން މަސައްކަތް ނުކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން ޕީޕީއެމް މީހެއް ނަމަވެސް، ޕީޕީއެމްގެ ހަރަކާތްތަކުން ނުފެންނަނީ އެމަނިކުފާނަކީ ފޮލޯވަރަކަށް ނުވުމުން ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޕީޕީއެމް އަދި އެމްޑީޕީންވެސް ހިމެނޭ ގޮތަށް ހުރިހާ ސިޔާސީ ޕާޓީތަކަކުން މަސައްކަތް ކުރަނީ ލީޑަޝިޕުގެ އެންމެ މަތީ ދޮރު ތަޅުލައިގެން ކަމަށެވެ. މި ދޮރަކީ އެތެރެއިން ތަޅުލާފައި ހުންނަ ދޮރެއް ކަމަށާއި، ލީޑަޝިޕުގެ ދޮރަކުން ކޮންމެ ކޮންމެ މީހަކަށް ނުވަދެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އަންނަ މީހަކު އަންނަން ޖެހޭނީ ލީޑަޝިޕްގެ ދަށުން، ފޮލޮވަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ