2 ސްކޫލެއްގައި ގާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް އިފްތިތާހުކޮށްފި

އިންޑިއާ އެހީގެ ދަށުން ދެ ސްކޫލެއްގައި ގާއިމްކުރި "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" އިފްތިތާހު ކޮށްފިއެވެ.
ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ އެ ރަސްމިއްޔާތިގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، ދަރިވަރުން އެތަނަކަށް ލޯބިޖެހި އެތަނަކަށް އަހުލުވެރި ބައެއްކަމުގައި ދެކޭނެފަދައިން ސްކޫލުތައް ބިނާކޮށް ފަރުމާކުރުމަކީ މުހިއްމު ކަމެއް ކަމުގައި ފާހަގަ ކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ކުދިން ބޮޑެތިވެ މުޖުތަމައުއަށް މަންފާކުރުވަނިވި ބައެއް ކަމުގައި ވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އެ މަޝްރޫގެ ދަށުން 'އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓު ޔުނިޓް' ތައް ގާއިމް ކުރުމުގައި އެހީތެރިކަން ފޯރުކޮށް، އެ ޔުނިޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމުތައް ހިންގައި، އެ ޔުނިޓުތަކަށް ބޭނުންވާ ހާއްސަ މެޓީރިއަލް ފޯރުކޮށް ދީފައި ވެއެވެ.
އެ ޔުނިޓުތައް ފަރުމާ ކޮށްފައި ވަނީ އުނގެނިގަތުމަށާއި އުނގަންނައިދިނުމަށް ފަސޭހަވާނެ މާހައުލެއް ގާއިމުކުރުމަށެވެ. އެ މަޝްރޫއު ހިންގީ ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މާޗް 2019 ގައި ދިން 6.9 މިލިއަން ޑޮލަރުގެ އެހީގެދަށުންނެވެ. އިންޑިއާ ސަރުކާރުގެ މި އެހީގެ ބޭނުމަކީ އިޖްތިމާއީ-އިގްތިސާދީ ކުރިއެރުންތަކަށް ދިވެހިރާއްޖޭގައި ހިންގާ މަޝްރޫތަކަށް ހަރަދުކުރުމެވެ.
އިންޑިއާގެ 1.6 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން އެ ޔުނިޓް ގާއިމް ކޮށްފައި ވަނީ ހދ. ކުޅުދުއްފުށި އަފީފުއްދީން ސްކޫލް އަދި ޏ. ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދާއި މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު ޢަލީ، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އަދި ފުވައްމުލަކަށް ނިސްބަތްވާ މެންބަރުން އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ