ޑުރަގުގެ ބޮޑެއް ކަމަށް ބުނާ އަރުޝަދު ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފި

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ޑުރަގް ނެޓްވޯކެގައި އިސްކޮށް ހުރި ކަމަށް ބުނާ ގދ. ހޯޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު، (24އ) ކުރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
އަރުޝަދު ދޫކޮށްލާފައިވަނީ އޭނާގެ ބަންދު ރިވިއު ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގަ އެވެ. އެ މައްސަލަ ބައްލަވަނީ ކުރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު އެވެ.
އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަން އެ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އަރުޝަދަށް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ.
އަރުޝަދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އެ ތަކެތި ގެންގުޅެ އަދި ޓްރެފިކުކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިން އާއި ހަތަރު ގުރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ މައްސަލައިގައި ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ވެސް ފުލުހުން ހޯދި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ