ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުންވެސް މިއަދު ނިންމައިފި އެވެ.
ޖިހާދުގެ މައްޗަށް އުފުލާފައިވަނީ، ކ. ފުށިދިއްގަރުފަޅު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވި ކަމުގެ ތުހުމަތުގެ ދައުވާއެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކުރިމިނަލް ކޯޓުގައި ފެށާވާއިިރު އޭނާގެ ޕާސްޕޯޓުވެސް ވަނީ މިމައްސަލައިގައި ހިފަހައްޓަފައެވެ. އެ މައްސަލައިގެ ޝަރީޢަތް ފަށާފައިވަނިކޮށް ޖިހާދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ގުއްދައަކަށް އެދިވަޑައިގެންފަ އެވެ.
ޖިހާދު ރާއްޖެއިން ބޭރަށް ފުރަން ކޯޓުގެ ހުއްދައަށް އެދިފައި ވުމުން، ޕީޖީއިން ވަނީ އޭނާ ފިލައިގެން ހިނގައިދާނެ ކަމަށް ބުނެ ފުރުމުގެ ފުރުސަތު ނުދިނުމަށް އެދިފަ އެވެ. އެކަމާ މެދު ގޮތެއް ނިންމަން ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ކޯޓުގެ ގާޒީ މުހައްމަދު ސަމީރު ނިންމެވީ ޖިހާދަށް ފުރަން ހުއްދަ ނުދިނުމަށެވެ. އެއީ އޭނާ އަނބުރާ ނައުމުގެ އިހްތިމާލު އޮތުމުން ކަމަށް ބުނެ އެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ކުރީ 20 ޖެނުއަރީ 2021ގެ ނިޔަލަށެވެ.
މި ނިންމުން ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅާފައެވެ.
ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އެ ކޯޓުން ވަނީ ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ ޖިހާދު ފިއްލަވައިގެން ހިނގައިދާނެ ކަމަށް ބެލެވޭ ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށެވެ. ޖިހާދަކީ ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކަށް ވާތީ އޭނާއަށް ރާއްޖެއިން ބޭރުގައި ފިއްލަވައިގެން އުޅެވޭނެ ކަމަށް ދައުލަތުން ބުންޏަސް އެއީ އޭނާ ފިލާފާނެ ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ. އަދި ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓައިގެން ދައުލަތުން އެދުނީ ވެސް އޭނާ ފުރުމުގެ ހުއްދައަކަށް އެދުމުން ކަމަށް ހުކުމުގައިވެއެވެ.
ކޯޓުގައި އޮތް މައްސަލައެއްގައި މީހަކު ފުރުން މަނާކުރަން ޕާސްޕޯޓު ހިފަހައްޓަން ޕީޖީއަށް އަމުރަކަށް އެދެވޭނީ ގާނޫނޫ ތަންފީޒު ކުރާ އިދާރާ މެދުވުރިކޮށް ކަމަށްވެސް ހުކުމުގައިވެ އެވެ.
މި މައްސަލަ ބެއްލެވިީ ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ޖިހާދު ފުރުން މަނާ ކުރީ ގާނޫނާ ޚިލާފަށް: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ