ތ. ވޭމަންޑޫ އިންޖީނުގޭގައި ރޯވެ، މުޅި ރަށުން ކަރަންޓު ކެނޑިއްޖެ

ތ. ވޭމަންޑޫ އިންޖީނުގޭގައި ރޯވެ، މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.
އެމް.އެން.ޑީ.އެފުން ވިދާޅުވީ، ތ. ވޭމަންޑޫ އިންޖީނުގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގުމާގުޅިގެން އެމް.އެން.ޑީ.އެފްގެ ސެންޓްރަލް އޭރިއާ ކައްދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާކަމަށެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވޭމަންޑޫ ކައުންސިލުގެ ނައިބު ރައީސް އަޙްމަދު ފަތުޙީ ވިދާޅުވީ، އެ ރަށުގައި ހުރި ފެނަކަ އިންޖީނުގޭގައި އަލިފާން ރޯވެފައިވަނީ 2:30 ހާއިރުކަމަށެވެ. އަދި ރަށުގެ ރައްޔިތުންނާއި، ސިފައިން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު އެއްކޮށް ކޮންޓްރޯލްކޮށްފައިވާކަމަށެވެ. ވޭމަންޑޫގައި ކަރަންޓުގެ ޚިދުމަތް ދެމުންދަނީ 600 ކިލޯވޮޓާއި، 500 ކިލޯވޮޓާއި، 450 ކިލޯވޮޓުގެ 3 ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ. މި ޙާދިސާގައި 3 ޖަނަރޭޓަރުވެސް ބޭނުން ނުކުރެވޭ ވަރަށް ޙަލާކުވެފައިވާކަމަށް ފަތުޙީ ވިދާޅުވިއެވެ. އަދި މި ޙާދިސާގައި އިންޖީނުގެއަށާއި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޕެނަލް ބޯޑުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށެވެ.
ފަތުޙީ ވިދާޅުވީ، މި ޙާދިސާއާއި ގުޅިގެން މުޅި ރަށުން މިވަގުތު ކަރަންޓް ކެނޑިފައިވާކަމަށެވެ. އަދި ކަރަންޓް އަލުން ފޯރުކޮށްދެވެން އޮތީ ރަށަށް އިތުރު ޖަނަރޭޓަރެއް ގެނެސްގެންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޙާދިސާގައި ލިބުނު ގެއްލުންތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުންދާކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެފައިވެއެވެ.
ފެނަކަ ކޯޕަރޭޝަނުންވެސް ވަނީ ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެެއް ހިނގައި، ބޭނުންނުކުރެވޭވަރަށް އިންޖީނުތައް އެނދުމާގުޅިގެން އެރަށުގެ ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ކަރަންޓުގެ ޚިދުމަތް ވީއެންމެ އަވަހަށް އިއާދަކުރުމަށްޓަކައި މަސައްކަތްކުރަމުންދާކަމަށްވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ.
ތ. ވޭމަންޑޫއަކީ 1000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ. އެރަށު އިންޖީނުގޭގައި އަލިފާންރޯވެ، މުޅި ތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، މި ޙާދިސާ ހިނގާފައި މިވަނީ ރަށުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭތީ، އެ މަޢުލޫމާތު ކައުންސިލުން ރައްޔިތުންނާއި ހިއްސާކޮށްފައިވަނިކޮށް ކަމަށް ކައުންސިލުން ވަނީ މަޢުލޫމާތުދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ