ފައިސާ ޓްރާންސްފާ ކުރީ ދަރިން، ބިލުތައް ވާނީ ދައްކާފައި: އަލީ ހަމީދު

ސުޕްރީމް ކޯޓުގެ ފޯނަކުން، އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދަރީންގެ ފޯނަށް 2232 ރުފިޔާ ރީލޯޑްކުރީ ދަރިން ކަމަށާއި އަދި އެމަހުގެ ބިލުތައް އައުމުން އެފައިސާ ކޯޓަށް އަނބުރާ ދެއްކި ކަމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ވިދާޅުވެއްޖެއެވެ.
ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2010ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2011ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ މޮބައިލް ފޯނަކުން އޭނާގެ ދެ ދަރިންނަށް ޖުމްލަ 2،223 ރުފިޔާ ޓްރާންސްފާކޮށްފައިވާ ކަމަށެވެ. ދައުލަތުން އަލީ ހަމީދަށް އުފުލާފައި ވަނީ ރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަށް ބޭނުންކުރުމުގެ ދައުވާ އުފުލާފައެވެ. ދައުލަތުން އެ ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ. ކުށް ސާބިތުވެއްޖެ ނަމަ ބޭނުން ކުރި ފައިސާގެ އަދަދު ދައްކަން އަންގާ ތިން އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާނެއެވެ.
އެ މައްސަލައާ ގުޅިގެން މީގެކުރިން އަޑުއެހުމެއް ބޭއްވިއެވެ. ނަމަވެސް އޭގެފަހުން އެއް އަހަރާއި ހަތް މަސް ވެއްޖެއެވެ. އަލީ ހަމީދަށް ދައުވާ އިއްވާފައިވާއިރު އަލީ ހަމީދު ވިދާޅުވަނީ ދައުވާ އޭނާއަށް ސާފުވެވަޑައިގެންފައިވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި އަލީ ހަމީދު ވިދާޅުވީ އޭނާގެ ރަސްމީ ދަތުރަކަށް ފުރުމަށް ގެއަށް އެ ސިމް ގެންގޮސް ފޯނަށް ލައްވާފައި އޮތްވައި އޭނާގެ 18 އަހަރު ނުފުރޭ ދެ ދަރިއަކު އެ ފޯނުން ބޭނުންކޮށްގެން އެ ކުދިންގެ ފޯނަށް ފައިސާ ޓްރާންސްފާ ކުރީ ކަމަށެވެ. އެކަމަކީ އޭނާއަށް އެނގިގެން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި ދަރިންގެ ގާތުން އެކަން ސާފު ކުރުމުން މަންމަ އާއި، ދައްތަމެންގެ ފޯނުންވެސް އެކި ފަހަރުމަތިން 10 ނުވަތަ 20 ރުފިޔާއިން ކްރެޑިޓް ޓްރާންފްސާ ކުރާ ކަމަށް ބުނި ކަމަށް އޭނާ ކިޔައިދެއްވި އެވެ.
އަލީ ހަމީދު ވިދާޅުވީ ބިލްތައް އައުމުން ކަމަށާއި ބިލް ލިބުމާއެކު އެ ފައިސާ ދައްކާފައިވާނެ ކަމަށެވެ. އެގޮތަށް ކަން ކުރީ މީހަކު ބުނެގެން ނޫން ކަމަށާއި ނަމަވެސް އެއީ އަމިއްލައަށް ވެސް ގަބޫލު ނުކުރެވޭ ކަމަކަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދަރިން އެކުރި ކަމުގެ ޒިންމާ އެމަނިކުފާނު އުފުލަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އަލީ ހަމީދު ވިދާޅުވިއެވެ.
އެ މައްސަލައިގައި ދެވަނަ ފަހަރަށް ދައުވާ ކުރުމާ ގުޅިގެން އަލީ ހަމީދު ވިދާޅުވީ، ފައިސާ ޓްރާންފާ ކުރުން ތަކުރާރު ނުވާ ކަމަށެވެ. އެކަމަކު، ކުރީގެ ބިލުތަކެއް ފަހުން އައުމުން، އަނެއްކާވެސް އެކަން ތަކުރާރު ކުރީ ކަމަށް އޭސީސީއަށް ބެލެވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި އަލީ ހަމީދުގެ ގާނޫނީ ވަކީލް ހަސަން ވަހީދު ވަނީ މި މައްސަލާގައި ކޮރަޕްޝަން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މި މައްސަލާގައި ދައުވާ ކުރަން ޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް ވިދާޅުވެފައެވެ. އެއަށް ޖަވާބު ދެއްވާ ޕީޖީގެ ވަކީލު އެންމެ ފުރަތަމަ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނަކީ ހާއްސަ ގާނޫނެއް ކަމަށާއި އެ ގާނޫނަކީ ގާނޫނުލްއުގޫބާތުން އިސްތިސްނާވާ ގާނޫނެއް ކަމަށެވެ.
ގާނޫނުލްއުގޫބާތުގައި ހާއްސަ ހަތް ގާނޫނެއްގެ ވާހަކަ ބަޔާންކޮށްފައިވާނެއެވެ. އެ ގާނޫނުތަކުގައި ބަޔަނާކޮށްފައިވާ ފަދަ ކުށެއް މީހަކު ކޮށްފިނަމަ ދައުވާ ކުރަންޖެހޭނީ، އެ ގާނޫނެއްގެ ދަށުންނެވެ. ގާނޫނުލްއުގޫބާތުގައި އެ ކުށަކަށް ދޭންޖެހޭނެ އަދަބެއް ހިމަނާފައެއް ނޯންނާނެއެވެ.
ދައުލަތުގެ ވަކީލުން ފަހުން ގާނޫނުތައް ބެލުމަށްފަހު ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނަކީ ހާއްސަ ގާނޫނެއް ނޫން ކަމަށް ވިދާޅުވިއެވެ. ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނަކީ ހާއްސަ ގާނޫނެއް ނޫން ނަމަވެސް އަލީ ހަމީދު ކުރައްވާފައިވާ ކުށް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިނުވާ ކަމަށާއި އެހެންކަމުން އެ ދައުވާ ކުރެވޭނީ ކޮރަޕްޝަން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނަކީ މިހާރު ވެސް ވުޖޫދުގައި އޮތް ގާނޫނަކަށްވާއިރު އޭގައި ބަޔާން ކުރާ ކުށެއް، ކުށެއް ނޫން ކަމަށް ކަނޑައެއް ނޭޅޭނެ ކަމަށެވެ.
މި މައްސަލާގެ އަޑުއެހުން މިއަދު ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކަށް ފުރުސަތު ދެމުންނެވެ. މި މައްސަލާގެ އަޑުއެހުން މިއަދު ބޭއްވިއިރު މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ މައްޗަށް އިއްވާފައިވާ އެހެން ޖަލު ހުކުމްގެ މުއްދަތު ހަމަވެ، ވަނީ މިނިވަންވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ