މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންމުދާ ވިއްސާރައިގައި ހއ. އިން ދ. އަތޮޅަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
މިއަދު ހެނދުނު 06:30 އިން 11:30 އަށް ވައިޓް އެލާޓު ނެރެފައި ވާއިރު އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އެގޮތުން ވައި ޖެހޭނީ އިރާއި އިރުދެކުނުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުނެ އެވެ.
އޭގެ އިތުރުން ދެކުނުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހި ވައި ގަދަ ވާނެ ކަމަށް ލަފާކުރެވޭތީ، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުން އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ