މި ސްކޫލް ކުދިން ގަލަމާއި ފަންސުރުގެ ބަދަލުގައި ގެންދަނީ ކުޑައެއް!

ސްކޫލަކަށް ބޭނުންވާ އެންމެ މުހިއްމު އެއް އަސާސަކީ ރަނގަޅު ބިނާ އެކެވެ. ނަމަވެސް އިންޑިޔާގެ ޖަރްކަންޑްގެ އަވަށެއްގައި ހުރި ސްކޫލެއްގައި މި ވަރުވެސް ނެތެވެ. އެ ގައުމުގެ ސަރުކާރުން ހިންގަ ގިނަ ސްކޫލްތަކެއް ހާލު މިހެން ހުރިއިރު ޖަރްކަންޑްގައި ހުންނަ މި ސްކޫލަށް ކިޔަވަންދާ ކުދިން ފަންސުރާއި ގަލަން ނުގެންދިޔަސް ކޮންމެހެން ގެންދަން މަޖުބޫރު އެއްޗެއް އޮވެ އެވެ. ކުޑަ އެކެވެ. ކްލާސްތަކުގެ ފަންގިފިލާއިން ފެން ލީކުވާތީ އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނެފައިވާ ގޮތުގައި މިއީ ކުދި އަވަށްތަކުގައި ހުންނަ ސަރުކާރުގެ ވަރަށް ގިނަ ސްކޫލްތަކުގައި ކިޔަވާ ކުދިން އަބަދު ކަހަލަ ގޮތަކަށް ކިޔަވަން ތިބެން ޖެހެނީ ކުޑަ ނަގައިގެންނެވެ.
ޚާއްސަކޮށް ބޯކޮށް ވިއްސާރަ ވެހޭ ދުވަސްވަރު މި ކުދިން ކިޔަވާ ހުރިހާ ވަގުތެއްގައި ވެސް އެއް އަތުން ކުޑަ ނަގައިގެން ތިބެން ވަނީ މަޖުބޫރުވެފަ އެވެ. ސްކޫލް ހިންގާ ފަރާތްތަކުން ފަންގިފިލާއިން ފެން ފައިބާތަންތަން މަރާމާތު ކުރުމުގެ ބަދަލުގައި ކުދިންނަށް އަންގަނީ ކުޑަ ހިފައިގެން ސްކޫލަށް ދިއުމަށެވެ.
ޖަރްކަންޑްގެ މިފަދަ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކު ބުނި ގޮތުގައި މިފަދަ ދުވަސްވަރު އެމީހުން ބަހައްޓަނީ ސްކޫލުން ކަރަންޓު ވެސް ކަނޑާލާފަ އެވެ. ކަރަންޓުގައި ޖެހުން ފަދަ ހިތާމަވެރި ހާދިސާއެއް ދިމާވެދާނެތީ އެވެ. އެ ޓީޗަރު ކިޔަވައިދޭ ސްކޫލްގައި ހަތް ކްލާސް ހުންނައިރު ފެން ލީކުނުވާ ހުރީ ތިން ކުލާހެވެ.
އެ ސްކޫލްގެ ހަތް ވަނަ ކުލާހުގައި ކިޔަވާ ދަރިވަރަކު ބުނީ ފަންގިފިލާއިން ފެން ލީކުވާތީ ވަރަށް ގިނަ މައްސަލަތައް ދިމާވާ ކަމަށާއި ފޮތްތައް ވެސް ޚަރާބުވާ ކަމަށެވެ. އެހެންވެ ކޮންމެ ދުވަހަކު ވެސް ސްކޫލަށް އަންނަނީ ކުޑަ ހިފައިގެން ކަމަށް އޭނާ ބުންޏެވެ.
މި ސްކޫލްގައި 170 އަށް ވުރެ ގިނަ ކުދިން ކިޔަވަ އެވެ. އިންޓަވިއު ދިން ޓީޗަރު ބުނި ގޮތުގައި އާ ބިލްޑީންގަކަށް ކިޔެވުން ބަދަލު ކޮށްދޭތޯ މިހާރު ސްކޫލުންގެ ފަރާތުން ވަނީ އެދިފަ އެވެ.
މިއީ ހަމައެކަނި ޖަރްކަންޑްގެ ސްކޫލަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. މިފަދަ ބައިވަރު ސްކޫލްތައް އެ ގައުމުގެ އެކި ހިސާބުތަކުގައި އެބަހުރި ކަމަށް އިންޑިއާގެ ނޫހަކުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ