ވާދަކުރަން އާދޭ، ބޮޑުތަނުން ބަލިކޮށްލާނަން: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނު ތިއްބެވީ ދަތުރަށް އަރާ ކަމަށާއި އިންތިހާބެއްގައި ވާދަކޮށްގެން ބަލިކޮށްލެވޭނެ ސިޔާސީ ޕާޓީއެއް އަދި ސިޔާސީ ވެރިއެއް ވެސް ރާއްޖޭގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކ. ގުރައިދޫ އެމްޑީޕީގެ ހަރުގެ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާ އެމްޑީޕީން ކުރިމަތިލީ މޮޅުވާން ވެގެން ކަމަށެވެ. ރައީސް ސޯލިހާއި އެމަނިކުފާނު ތިއްބެވީ އެ ދަތުރަށް އަރާ ކަމަށާއި އިންތިހާބެއްގައި ވާދަކޮށްގެން ބަލިކޮށްލެވޭނެ ސިޔާސީ ޕާޓީއެއް އަދި ސިޔާސީ ވެރިއެއްގައި ރާއްޖޭގައި ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އިންތިހާބަކުން މޮޅުވާނެ މީހަކު ހުރިނަމަ ވަޑައިގަންނަވަންވީ ކަމަށާއި އެ ބޮޑުތަނުން ބަލިކޮށްލާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ފެނިވަޑައިގަންނަވަންޏާ އެމީހަކު ހޯދައިގެން ގެންނަވަންވީ، އަޅުގަނޑުމެން ކައިިރިއަށް، ބަލިކޮށްލާނަން. އިރާދަ ކުރެއްވިއްޔާ ބޮޑުތަނުން ބަލިކޮށްލާނަން، ވަރަށް ބޮޑުތަނުން ބަލި ކޮށްލާނަން," ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން ބަޔަކަށް ވޯޓްދޭން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އިިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓްދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ޕީޕީއެމުން މަސައްކަތް ކުރީ ލާމަރުކަޒީ ނިޒާމް ފުނޑާލާ، ރަށްތައް ފަޅު ކުރުމަށް ކަމަށެވެ. އަދި ހުޅުމާލެއިން ތަންކޮޅެއް ހިއްކާ އެތަނަށް މުޅި ރައްޔިތުން އެއްކޮށް ތޮއްޖެއްސުމަށް ކަމަށެވެ.
"އަޅުގަނޑަކަށް ނުވިސްނޭ އަދި އަޅުގަނޑަށް ޔަގީން ކަށަވަރު މި އުޑު ބަޅުކުރި ހިސާބުގައި މީހަކު ނުހުންނާނެ، ދަންނާނެ ގަބޫލުކުރާނެ ޕީޕީއެމަކަށް ލާމަރުކަޒީ ނިޒާމް ހިންގުމުގެ އެއްވެސް ވިސްނުމެއްވެސް އޮތް ކަމަކަށްވެސް ގާބިލްކަމެއްވެސް ހުރި ކަމަކަށްވެސް އަދި އެކަން ކުރާ ގޮތަކީ ދެނެގަންނަން އެ ބޭފުޅުންނަށް އެނގެން ނުވެސް ފަށާކަން," ޕީޕީއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ