ނަވާޒް ޝަރީފްގެ މައްޗަށް ކޮރަޕްޝަންގެ ތަހްގީގު ހިންގަން ސްޕްރީމް ކޯޓުން ނިންމައިފި

ޕެނަމާ ޕޭޕަރސްއިން ލީކްކޮށްލި މައުލޫމާތާއި ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ މައްޗަށް ކޮރަޕްޝަންގެ ތަހްގީގު ހިންގުމަށް ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ނިންމައިފިއެވެ.
ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ތަހްގީގު ކުރިއަށް ގެންދިއުމަށް ނިންމީ، އެމައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑު އެހުމަށްފަހުގައެވެ.
ޕެނަމާ ޕޭޕަރސްއިން ލީކްކޮށްލި ޕެނަމާގެ "މޯސެކް ފޮންސޭކާ ލޯ ފާރމް" ގެ މައުލޫމާތުން ހާމަވިވެފައިވާގޮތުގައި، ބޮޑުވަޒީރު ނަވާޒް ޝަރީފްގެ އަންހެން ދަރިކަނބަލުންނާއި ދެ ފިރިހެން ދަރިކަލުންގެ ނަމުގައި އިންވެސްޓްކޮށް ބްރިޓިޝް ވާރޖިން އައިލެންޑްސްގައި ކުންފިތައް ރަޖިސްޓަރީ ކޮށްފައި ވެއެވެ.
ނަމަވެސް އެކަމުގައި އެއްވެސް ގޯހެއް ހަދާފައި ނުވާނޭ ކަމަށް ނަވާޒް ޝަރީފް އާއިލާއިން ދަނީ ބުނަމުންނެވެ.
މިމައްސަލާގައި ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީގެ ފަރާތުން ބޮޑުވަޒީރު ނަވާޒް ޝަރީފަށް އެންމެބޮޑު ދެކޮޅުވެރިކަމެއް ކުރިމަތިވަމުން ދާއިރު، ޕާކިސްތާނުގެ ހުރިހާ އިދިކޮޅު ޕާޓީތަކުގެ ނުރުހުންވެސް ބޮޑުވަޒީރަށް އަމާޒުވެފައި ވެއެވެ.
ނަވާޒް ޝަރީފް އިސްތިއުފާއަށް ގޮވާލައި ތަހްރީކޭ އިންސާފުން މާދަމާއިން ފެށިގެން ވަރުގަދަ މުޒާހަރާއެއް ޖައްސައި ވެރިރަށް މުޅި އިސްލާމްއާބާދު ހުއްޓުމަކަށް ގެންނަން ރާވާފައިވާއިރު، މައްސަލަ ތަހްގީގު ކުރަން ސްޕްރީމް ކޯޓުން މިއަދު ނިންމުމާ ގުޅިގެން މުޒާހަރާ ކުރިއަށް ނުގެންދާގޮތަށް މިހާރުވަނީ ހަމަޖައްސާފައެވެ.
ޕެނަމާ ޕޭޕަރސް އިން ލީކްކޮށްލި ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ ބޮޑުވަޒީރު ނަވާޒް ޝަރީފާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާ ދެކޮޅަށް ތަހްގީގު ހިންގުމަށް ސްޕްރީމް ކޯޓުން ނިންމުމަކީވެސް ވަރަށް ތާރީޚީ ކަމެއް ކަމަށް ތަހްރީކޭ އިންސާފް ޕާޓީގެ ލީޑަރ އިމްރާން ޚާން މިއަދު ވިދާޅުވެފައި ވެއެވެ.
"ސްޕްރީމް ކޯޓުން މިހާރަށްވެސް ވަނީ މައްސަލައިގެ ތަހްގީގު ފަށާފައި. އަދި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މުޒާހަރާ ހުއްޓާލަންވެސް ވަނީ އެދިފައި. އެހެންކަމުން އެގޮތަށް އަމަލުކުރުމަށް އަޅުގަނޑުމެން ނިންމައިފިން" އިމްރާން ޚާންގެ ވިދާޅުވިއެވެ.
ޚަބަރު ލިބޭގޮތުގައި ބޮޑުވަޒީރު ނަވާޒް ޝަރީފާއި އާއިލާގެ ކޮރަޕްޝަންގެ ތުހުމަތުތައް ތަހްގީގު ކުރުމަށް ޚާއްސަ ކޮމިޝަނެއް އެކުލަވާލުމަށް ސްޕްރީމް ކޯޓުންވަނީ ނިންމާފައެވެ. އެކޮމިޝަން އެކުލަވާލުމުގައި އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާޓީއާއި، ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގުގެ އެހީތެރިކަންވެސް ހޯދަން ސްޕްރީމް ކޯޓުންވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ