އެޗްއާރްސީއެމްގެ މެމްބަރު ކަމަށް މޫސާ އަލީ ކަލޭފާނު އައްޔަން ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ މެމްބަރު ކަމަށް ރ. ކަނދޮޅުދޫ ހުސްނުހީނާގޭ މޫސާ އަލީ ކަލޭފާނު އައްޔަން ކުރައްވައިފި އެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މޫސާ އަލީ ކަލޭފާނު ވަނީ ރައީސް ޔާމީންގެ ކުރިފުޅުމަތީގައި އެޗްއާރްސީއެމްގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފަ އެވެ. މޫސާ އަލީ ކަލޭފާނު އެޗްއާރްސީއެމްގެ މެމްބަރު ކަމުގެ ހުވާ ކުރައްވަނީ ---- ފޮޓޯ: ރައީސް އޮފީސް އޭނާއަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ. މޫސާ އަލީ ކަލޭފާނާއެކު ސ. ހިތަދޫ، ޝުމައިސް، ނައިވީން އަބްދުﷲ ވެސް އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މޫސާ އަލީ ކަލޭފާނު އެޗްއާރްސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރައްވާފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަން މައްސަލައެއްގައި ދައުވާ އުފުލުމާ މެދު ގޮތެއް ނުނިންމައި ޕީޖީ އޮފީހުގައި އެބައޮތެވެ. އެޗްއާރްސީއެމްގެ މެމްބަރު ކަމުގެ ލިޔުން ރައީސް ޔާމީން މޫސާ އަލީ ކަލޭފާނާ ހަވާލު ކުރައްވަނީ ---- ފޮޓޯ: ރައީސް އޮފީސް މޫސާ އަލީ ކަލޭފާނާއި އިތުރު ބައެއްގެ މައްސަލަ ފުލުހުން ޕީޖީއަށް ފޮނުވާފައި ވަނީ ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ރަށްތަކަށް ކޮންސްޓްރަކްޝަން މެޓީރިއަލްސް ހޯދުމަށް 2005 ވަނައަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އޭބީސީ) ގެ ނަމުގައި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ދޫކޮށްފައިވާ "ކްރެޑިޓް މުދާ ގަތުމަށް އެދޭ ފޯމު"ތަކަށް އެޕޯލޯ ކުންފުނިން ހަމަ އެއަހަރު އިންވޮއިސް ހުށަހަޅައިގެން ފައިސާ ނަގާފައިވަނިކޮށް އޭބީސީ ކުންފުނިން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ހަމަ އެފޯމުތަކުގެ ފޮޓޯ ކޮޕީއަށް ހަދާފައިވާ އިންވޮއިސްތަކަށް ދައުލަތުގެ މާލިއްޔާއިން 24 މިލިއަނަށްވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އޮޅުވާލައިގެން ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ