ޕީޕީއެމް ޕްރައިމަރީގެ ކަންތައްތައް ބަލަހައްޓާ އިންތިހާބު ކޮމިޓީގެ މެންބަރުންނާޢި ކުރީގެ ރައީސް އަދި އެޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރައްވައިފި އެވެ.
މިއަދު މެންދުރު ފަހު ޕީޕީއެމް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމަކީ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް އިންތިހާބު ކޮމެޓީން ކުރާ މަސައްކަތާއި ވަމުންދާ ތައްޔާރީތައް ބައްލަވައިލެއްވުމަށާއި މަސައްކަތަށް ހިތްވަރު ދެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ޕީޕީއެމް އިން ބުނެ އެވެ.
މިގޮތުން މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި އަދި ޓައިމްލައިނާ އެއްގޮތަށް މަސައްކަތްދާ ކަމަށް އިންތިހާބު ކޮމިޓީން މި ބައްދަލުވުމުގައި ފާހަގަކުރި ކަމަށް ވެސް ޕީޕީއެމްއިން ބުނެފައިވެ އެވެ.
"މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ޕީޕީއެމް ޕްރައިމަރީއަށް ހުރިހާ ކަމެއް ވެސް ތައްޔާރުވާނެ ކަމަށް ވެސް އިންތިހާބު ކޮމިޓީން ވަނީ ބުނެފައެވެ. އަދި ޕީޕީއެމްގެ އިންތިހާބީ ކޮމިޓީގެ މުގައްރިރު މުހައްމަދު ތޮލާލް ޕީޕީއެމްގެ ރައީސް މިކަން މިހާ ގާތުން ބައްލަވައި އަދި ދެއްވާ އިރުޝާދަށް ކޮމިޓީގެ މެންބަރުންގެ ނަމުގައި ޝުކުރު އަދާކުރެއްވި އެވެ." ޕީޕީއެމްއިން ބުނެފައިވެ އެވެ.
ރައީސް މައުމޫނުގެ ވާހަކަފުޅުގައި އެބޭފުޅުން ކުރައްވާ މަސައްކަތްޕުޅަށް ތައުރީފްކުރައްވާ އަމާން، އޮމާން ސުލްހަވެރި އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.
ޕީޕީއެމްގެ އިންތިހާބު ކޮމެޓީއާ މައުމޫން ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ