ބީއެމްއެލްގެ އޭޓީއެމްތަކުން ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު އިތުރުކޮށްފި

ކަސްޓަމަރުންގެ ޚިޔާލުތަކާ އެއްގޮތަށް ބީއެމްއެލްގެ އޭޓީއެމްތަކުން ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު އިތުރުކުރަން އެ ބޭންކުން ނިންމައިފިއެވެ.މިކަމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ބީއެމްއެލްއިން ބުނީ އަމިއްލަ ފަރުދުންގެ އެކައުންޓްތަކަށް ގެނައި މި ބަދަލަށް އަމަލު ކުރަން ފަށާނީ މި ފެށޭ މާޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.އަލަށް ގެންނަ ބަދަލުތަކާއެކު ބީއެމްއެލްގެ އޭޓީއެމްތަކުން ފައިސާ ނެގޭ މިންވަރު ދުވާލަކު 25،000 ރުފިޔާއަށް އަދި ފައިސާ ޖަމާކުރެވޭ އަދަދު ދުވާލަކު 50،000 ރުފިޔާއަށް އިތުރުވެގެންދާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.މި ބަދަލާއެކު ބީއެމްއެލް މެދުވެރިކޮށް ކުރާ ޑޮލަރުގެ މުއާމަލާތްތަކަށް ވެސް ބަދަލު އަންނާނެ ކަމަށް އެ ބޭންކުން ބުނެއެވެ. އެގޮތުން ބީއެމްއެލްގެ އޭޓީއެމްތަކުން ޑޮލަރު ނެގޭ އަދަދު ދުވާލަކު 1،600 ޑޮލަރަށް އަދި ޑޮލަރު ޖަމާކުރެވޭ އަދަދު 3،200 ޑޮލަރަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.މީގެ އިތުރުން ބީއެމްއެލްއިން ބުނީ މާލޭގެ ބްރާންޗްތަކާއި އަތޮޅުތެރޭގެ ސެލްފް ސަރވިސް އޭޓީއެމްތައް ޤާއިމްކޮށްފައިވާ ބްރާންޗްތައް މެދުވެރިކޮށް 25،000 ރުފިޔާއިން ދަށުން ކުރާ މުއާމަލާތްތަކަށް ފީއެއް ކަނޑައަޅާފައިވާ ކަމަށެވެ.އެގޮތުން ފައިސާ ޑިޕޮސިޓް ކުރުމާއި ފައިސާ ނެގުމުގެ މުއާމަލާތްތަކުގެ ތެރެއިން ކޮންމެ މުއާމަލާތަކަށް ވެސް 75 ރުފިޔާ ނެގުމަށް ނިންމާފައިވާއިރު، ބީއެމްއެލްގެ ސެލްފް ސަރވިސް ޚިދުމަތް ނުލިބޭ ބްރާންޗްތަކުން އެ ފީ ނުނަގާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. ނަމަވެސް އޭޓީއެމްތަކުގެ ބަދަލުގައި ބްރާންޗަށް ޚިދުމަތް ހޯދަން އަންނަ އުމުރުން ދުވަސްވީ ފަރާތްތަކުގެ އަތުން އެއްވެސް ޗާޖެއް ނުނަގާނެ ކަމަށް ވެސް ބީއެމްއެލްއިން ފާހަގަކުރެއެވެ.ބީއެމްއެލްއިން ބުނީ ކަސްޓަމަރުން ބީއެމްއެލް މެދުވެރިކޮށް މުއާމަލާތް ކުރުމަށްޓަކައި ބޭންކުގެ ބްރާންޗްތައް ބޭނުން ކުރުމުގެ ބަދަލުގައި ހިލޭ ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ބޭނުން ކުރުމަކީ އެ ބޭންކުން އެދޭ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ