ރައީސުލް ޖުމްހޫރިއްޔާ ހޯމަ ދުވަހުގެ ރޭ އިޢުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ އަމުރުގެ ގަރާރަށް ދެވަނަ އިސްލާހެއް ގެނެސް، ސުޕްރީމް ކޯޓަށް އަލުން ބާރުތައް ދީފިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ އަމުރުގައި އިސްލާހް ކޮށްފައިވަނީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) އެވެ. އެއަކުރުގައި ބުނަނީ ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ އަމުރަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނުވެސް ވަނީ އިސްލާހް ގެންނަވާފައެވެ. އެގޮތުން، ގެންނެވި އިސްލާހްގައި އަމުރުގެ ދަށުން ހައްޔަރު ކުރެވޭ މީހުންގެ ހައްގުތައް ހަނިކުރައްވާފައި ވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ އަމުރުގެ ދަށުން ސްޕްރީމް ކޯޓުގެ ބާރުތައް ސަސްޕެންޑް ކުރުމަށްފަހު އެ ކޯޓަށް އަލުން ބާރުތައް ދެއްވާފައިވާއިރު، ސުޕްރީމް ކޯޓުގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ 5 ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހަންމަދު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
ރައީސް އަބްދުﷲ ޔާމީން މިއަދު ގައުމާ މުޚާތަބު ކުރައްވަމުން ވިދާޅުވެފައިވަނީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ސުޕްރީމް ކޯޓުގެ އެދެ ފަނޑިޔާރުންނަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޖަވާބުދާރީކުރުވޭނެ އެއްވެސް ގޮތެއް ފެނިވަޑައި ނުގެންނެވުމުން ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހަންމަދު ފުލުހުން ހައްޔަރުކުރި ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އަނެއް ތިން ފަނޑިޔާރުން ވީތަނަކާ ބެހޭގޮތުން އެއްވެސް ފަރާތަކުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި އަމުރު ތަންފީޒު ކުރެއްވުމަށް ދެކޮޅު ހައްދަވައި، އަދި އޭގެފަހުން 15 ދުވަހަށް ކުއްލި ނުރައްކަލުގެ އަމުރު އިޢްލާން ކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރު ކުރެއްވުމަށްފަހު ދެދުވަސް ނުވަނީސް އަލުން ސުޕްރީމް ކޯޓަށް ބާރުތައް ދެއްވުމަށް ރައީސް ނިންމެވުމުން އެކަމާމެދު ގިނަބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.
ކުއްލި ނުރައްކަލުގެ އަމުރު އިސްލާހްކޮށް ސުޕްރީމް ކޯޓަށް އަލުން ބާރުތައް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ