ދިގުރަށުގެ އާ އިންޖީނު ގެއިން ކަރަންޓުގެ ހިދުމަތް ދޭން ފަށައިފި

ސްޓެލްކޯއިން އދ. ދިގުރަށުގައި އަލަށް އިމާރާތްކުރި އިންޖީނު ގެއިން އެރަށަށް ކަރަންޓުގެ ހިދުމަތް ދޭން ފަށައިފިއެވެ.
އެ އިންޖީނުގެއިން އެރަށަށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފައިވަނީ އިއްޔެއެވެ.
އަލަށް އިމާރާތްކުރި އިންޖީނު ގެއާއެކު މިހާރު ދިގުރަށަށް ކަރަންޓުގެ ހިދުމަތް ދެމުންދަނީ ހަތަރު ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ.
ދިގުރަށުގެ އާ އިންޖީނުގެ އަޅާފައިވަނީ، މީހުން ދިރިއުޅެމުންދާ ސަރަހައްދާ ދުރުގައެވެ. މީގެ ކުރިން އެރަށުގައި ކަރަންޓު ދެމުންދިޔަ އިންޖީނު ހުރީ މީހުން ދިރިއުޅެމުންދާ ސަރަހައްދުގައެވެ.
ދިގުރަށުގައި އަލަށް ގާއިމުކުރި އެއިންޖީނުގެއަކީ އެންމެ ފަހުގެ ވަސީލަތްތަކާއި އެކު ގާއިމުކޮށްފައިވާ އިންޖީނުގެއެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ އެ އިންޖީނުގެއަކީ 24 ގަޑިއިރު ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެވޭނެ ފެންވަރަށް ގާއިމުކޮށްފައިވާ ތަނެއް ކަމަށެވެ.
ދިގުރަށުގައި މީގެ ކުރިން ބޭނުންކުރަމުންދިޔަ އިންޖީނުގެއަކީ އެރަށު ރައްޔިތުންގެ އަމިއްލަ ހަރަދުގައި އިމާރާތްކުރި ތަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ