ހަވީރު ނޫސް ވިއްކުން ހުއްޓުވުމަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ހަވީރު ނިއުސް އެޖެންސީގެ ދަށުން ކުރާ ވިޔަފާރިތައް ވިއްކުން ހުއްޓުވުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ހަވީރު ނޫހުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ޗެއާމަން މުހައްމަދު ޒާހިރު ހުސެއިންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ "ހަވީރު ނޫސް އެޖެންސީ"ގެ ކުރީގެ ދެ މުއައްސިސެއް ކަމަށްވާ ހ. މީރުބަހުރުގެއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަން އެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ހަވީރު ނޫސް އެޖެންސީއާއި އެތަނުގެ ދަށުން ހިންގާ އެންމެހައި ވިޔަފާރި ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް މީޑިއާގައި ފެތުރެމުންދާތީ އެމައްސަލައާ މެދު ސިވިލް ކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން ހަވީރު ނޫސް ވިއްކާލައިފި ނަމަ އެކަމުގެ ސަބަބުން މުއައްސިސުންގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެ ކަމަކަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ނިމުމުގެ ކުރިން ހަވީރު ވިއްކާލުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވާ މައްސަލައިގައި އެދިފައި ވަނީ މުހައްމަދު ޒާހިރު ހުސައިނާއި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމް ނަމަކަށް ކިޔާ މީހަކު އެއްވަރަށް ހިއްސާވާ ގޮތަށް 1 އޭޕްރީލް 1983 ވަނަ އަހަރު އުފެއްދި "ހަވީރު ނިއުސް އެޖެންސީ"ގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަވީރުގެ އާމްދަނީން އެ ދުވަހުން ފެށިގެން މިހާތަނަށް ލިބެންޖެހޭ ބައި ނަގައިދިނުމަށެވެ.
ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުހައްމަދު ޒާހިރު ހުސައިންގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ދައުވާ ކޮށްފައި ވަނީ "ހަވީރު ނިއުސް އެޖެންސީ"ގެ ހައްގު ހޯދުމަށް ކަމަށްވާ އިރު ހަވީރު ނޫހާއި "ހަވީރު ނިއުސް އެޖެންސީ" އަކީ މުޅިން ވަކި އެންޓިޓީއެއް ކަމަށެވެ.
ސުއޫދު ވިދާޅުވީ "ހަވީރު ނިއުސް އެޖެންސީ" އަކީ 1985 ވަނަ އަހަރު އުވި ގޮސްފައިވާ ތަނެއް ކަމަށާއި އެ އެޖެންސީގެ ހައްގެއް އޮތް ނަމަ އެފަދަ ހައްގެއް ހޯދުމަށް ދައުވާކުރުން އެންމެ އެކަށީގެން ވަނީ އެ ދުވަސްވަރު ކަމަށެވެ.
ހަވީރު ނޫހަކީ 1 ޖެނުއަރީ 1979 ވަނަ އަހަރު މުހައްމަދު ޒާހިރު ހުސައިންގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހަކަށް ވާއިރު އެ ނޫހާއި "ހަވީރު ނިއުސް އެޖެންސީ" އަކީ މުޅިން ވަކި ދެ ޝަހުސެއް ކަމަށާއި ވަގުތީ އަމުރު ނެރެފައި ވަނީ ހަވީރު ނޫހުގެ މައްޗަށް އަބްދުﷲ ފާރޫގު ހަސަން އާއި އިބްރާހީމް ރަޝީދު މޫސާގެ އެއްވެސް ހައްގެއް ނެތްކަން ސާބިތުކުރުމަށް ކާފީ ހެކި ހުށަހަޅާފައިވަނިކޮށް ކަމަށް ވުމުން އެ އަމުރަށް އެދުމުގެ ހައްގު އެ ފަރާތްތަކަށް ނެތް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
އޭނާ ހަވީރު ނޫސް ވިއްކާލައިފި ނަމަ އިޔާދަނުކުރެވޭނެ ފަދަ ގެއްލުމެއް ލިބިދާނެތީ، ވަގުތީ އަމުރު ނެރުނުއިރު، ދައުވާކޮށްފައި ވަނީ މިލްކިއްޔާތުގައި ހައްގެއް އޮތް ނަމަ އެ ހޯދުމަށް ކަމަށާއި ވިއްކައިލި ނަމަވެސް އެ ހައްގު ގެއްލިގެން ދިއުމުގެ ފުރުސަތު ނޯންނާކަމަށެވެ.
ހަވީރު ނޫސް ނުވިއްކިއްޖެ ނަމަ ނުވަތަ ވިއްކުން ލަސްވެގެން ދިއުމުގެ ސަބަބުން އަގު ދަށަށް ހިނގައްޖެ ނަމަ ލިބިދާނެ ގެއްލުމަކަށް ސިވިލް ކޯޓުން ރިޔާއަތްކޮށްފައި ނުވާ ކަމަށާއި އާޚިރުގައި ބޮޑު ގެއްލުމެއް ލިބިގެން ދާނީ ވެސް މުހައްމަދު ޒާހިރު ހުސައިނަށް ކަމަށެވެ.
ދައުވާ އަށް ޖަވާބުދާރީވަމުން އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަންގެ ގާނޫނީ ވަކީލު އިބްރާހީމް ރިޒާ ވިދަޅުވީ ހަވީރު ނޫހާއި ޕްރިންޓްކުރާ ތަނަކީ "ހަވީރު ނިއުސް އެޖެންސީ"ގެ މިލްކެއް ކަން ހަތަރު ބޭފުޅުންގެ މެދުގައި ވެފައިވާ އެއްބަސްވުމުން އެނގޭ ކަމަށާއި އެއްބަސްވުމުގައިވާ ގޮތުން ހަވީރު ނޫހާއި މަޖައްލާތައް ނެރެންޖެހެނީ އެޖެންސީގެ ބޯޑުން ކަނޑައަޅާ މަސްއޫލުވެރިއަކާއި އެޑިޓަރުން ލައްވައިގެން ކަމަށެވެ. އަދި އެއީ ބޯޑަށް ފެނިއްޖެ ނަމަ ބަދަލުކުރެވޭނެ ފަރާތްތަކެއްކަން ވެސް އެއްބަސްވުމުގެ މާއްދާތަކުން އެނގެން އޮންނަ ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ބުނީ އިތުރުކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލީސް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ