އިންތިޚާބު ހުއްޓުވުމުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް މައުމޫން
މިދިޔަ ހޮނިހިރު ދުވަހު ބާއްވަން އުޅުނު ރިޔާސީ އިންތިޚާބު ހުއްޓުވުމުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ. ރޭ ކާނިވާ ސަރަހައްދުގައި އެމް.ޑީ.ޕީ ގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ދެފަހަރުވެސް ހުއްޓުވީ ކުރީގެ ރައީސް މައުމޫން ކަމަށާއި، އެމަނިކުފާނު އެކަން ކުރައްވަނީ ފަނޑިޔާރުންނާއި، ފުލުހުންނާއި ރައީސް ވަހީދު މެދުވެރިކޮށްކަމަށެވެ.
"ތަކުރާރުކޮށް ތިޔަ ގެންދަވަނީ ވޯޓަށް ހުރަސް އަޅުއްވަމުން. މަނިކުފާނު (ރައީސް މައުމޫން) ގާނޫނު އަސާސީގެ ބާރު ކަންޑުވާލިކަން އަމިއްލަ ފުޅަށް ދަލީލު ދައްކަވަމުން ތިޔަ ވަޑައިގަންނަވަނީ، ސިޓީފުޅު ތިއްޔަ ލިޔުއްވަނީ ގާނޫނީ ދައުރުން ބޭރުން ބަޣާވާތަކުން ވެރިކަމަށް ވަޑައިގެން ހުންނެވި މުހަންމަދު ވަހީދު ވެރިކަމުގައި ހުންނެވުމަށް. ނޫން މަނިކުފާނު އަޅުގަނޑުމެން މިތިބީކީ ތިޔަ ޖާގަ މަނިކުފާނަށް ދޭން ތައްޔާރަކަށް ނޫން. މައުމޫން ފަހަތަށް ޖެހިވަޑައިގަންނަވާ އަޅުގަނޑުމެން މިނުކުންނަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ނަޝީދުވަނީ ފުލުހުންނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އިންތިޚާބު ހުއްޓުވީ ފުލުހުންކަން ކަށަވަރުވާކަމަށް ހިއުމަން ރައިޓްސް ކޮމޝަނުންބުނެފައިވާތީ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ގޮވާލެއްވިއެވެ.
"އަބްދުﷲ ރިޔާޒު ވިދާޅުވީ ދިވެހި ފުލުހުންނަކީ ދިވެހިރައްޔިތުން ބިރުގަންނަ މުއައްސަސާއަކަށް އެބޭފުޅާ ހައްދަވާނަމޭ.ނޫން. އަޅުނގަޑުމެން ނެތް ބިރެއް ނުގަންނާނެ. އަޅުނގަޑުމެން ފަހަތަކަށް ނުޖެހޭނެ. ފުލުހުންގެ ތެރެއިން ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ އެތިބި ކުދިންކޮޅު ހަންމަތަ ކުރަންޖެހޭ. އެ ކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ހިންގަން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރޭ އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅުދެއްކެވި ގިނަ ބޭފުޅުންގެ ހަމަލާ އަމާޒުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި ފުލުހުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ