އައިސީސީގެ ބޯޑު މެމްބަރު ކަމަށް އަފްލާހް

ބައިނަލްއަގުވާމީ ކްރިކެޓްގެ މައި އިދާރާ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ބޯޑުގެ އޭޝިއާ ރީޖަން ތަމްސީލު ކޮށްދޭނެ ބޯޑު މެމްބަރު ކަމަށް ރާއްޖޭގެ ކްރިކެޓް އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަފްލާހް އިންތިހާބު ވެއްޖެއެވެ. އޭޝިއާގެ މެމްބަރު 21 ގައުމަކަށްވެސް އެ ގޮނޑިއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލެވިފައިވާ އިރު، ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. ވޯޓުގައި ވާދަކޮށް އަފްލާހް ހޮވިފައި ވަނީ ނެގުނު ވޯޓުގެ 80 ޕަސެންޓް ކާމިޔާބުކޮށްގެންނެވެ. އައިސީސީގައި ޖުމްލަ 104 މެމްބަރު ގައުމު ހިމެނޭ އިރު، އޭގެ ތެރެއިން 12 ގައުމަކީ ފުލް މެމްބަރޝިޕް ގައުމުތަކެވެ. އަނެއް 92 ގައުމަކީ އެސޯސިއޭޓް މެމްބަރު ގައުމުތަކެވެ. އައިސީސީގެ ބޯޑަށް އަފްލާހު އިންތިހާބުވި އިރު، ރާއްޖެއަށް ދާދި ފަހުން ވަނީ އައިސީސީގެ އެސޯސިއޭޓް މެމްބަރޝިޕްވެސް ލިބިފައެވެ. މިއީ ކުޅިވަރެއްގެ މައި އިދާރާގެ ބޯޑެއްގައި ރާއްޖެ ތަމްސީލުކުރާ ފަރަތަމަ ފަހަރެވެ. އައިސީސީގެ ބޯޑު މެމްބަރު ކަމަށް އަފްލާހް ހޮވުމާއެކު އޭނާ "ސަން ސްޕޯޓްސް"އަށް ވިދާޅުވީ ރާއްޖޭގެ ކުޅިވަރަށް ރައީސް ޔާމީނު އަދި އެމަނިކުފާނުގެ ސަރުކާރުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ. "ރާއްޖޭގެ ސަރުކާރުން، ހާއްސަކޮށް ރައީސް ޔާމީން ޕާސަނަލީވެސް ގުޅުއްވާ ކަންކަން އޮޅުން ފިލުއްވާ. ރާއްޖޭގެ ޒުވާނުންނަށް، ކުޅިވަރަށް ރައީސް ޔާމީން ކުރައްވާ މަސައްކަތުން މިފަދަ ކުރިއެރުންތައް ރާއްޖޭގެ ކުޅިވަރަށް މި އަންނަނީ،" އަފްލާހު ވިދާޅުވިއެވެ. އަފްލާހު ވިދާޅުވީ ރާއްޖޭގެ ބޭފުޅަކު ކުޅިވަރުގެ މައި އިދާރާއެއްގެ ބޯޑު މެމްބަރު ކަމުގައި ހުރުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ފަހުރެއް ކަމަށާއި، އެކަމުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ކްރިކެޓުގެ އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް ރަނގަޅުކޮށް ރާއްޖޭގެ ކްރިކެޓް އެހެން ލެވެލްއަކަށް ގެންދެވުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އަފްލާހު ވިދާޅުވިއެވެ. "ރާއްޖޭގެ މެމްބަރަކު އައިސީސީ ބޯޑުގައި އޭޝިއާގެ ރީޖަން ތަމްސީލު ކުރުމަކީ މުޅި ރާއްޖެއަށްވެސް ލިބޭނެ ވަރަށް ބޮޑު ފަހުރެއް. މީގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ. ހާއްސަކޮށް އިންފްރާ ސްޓްރަކްޗާ ރަނގަޅުވެ، ޔޫތު ޑެވަލޮޕްމަންޓް މުބާރާތްކަށް ޓީމުތައް ފޮނުވުމާ. ޖޫނިއާ ސްކޯލާޝިޕްތަކަށް ގައުމުތަކަށް ކުޅުންތެރިން ފޮނުވުމުގެ ކަންކަން ކުރެވިގެންދާނެ،" އަފްލާހު އިތުރަށް ވިދާޅުވިއެވެ. އަފްލާހު ވިދާޅުވީ މިއީ ކްރިކެޓްގެ ބޮޑު މަސައްކަތެއްގެ ފެށުން ކަމަށާއި ކްރިކެޓަކީ ރާއްޖޭގެ އެއް ނަންބަރު ކުޅިވަރަށް ހެދުމަށް ބޮޑު މަސައްކަތްތަކެއް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އޭޝިއާ ރީޖަންގެ މެމްބަރުގެ ގޮތުގައި އައިސީސީގެ ބޯޑު މެމްބަރުކަން އަފްލާހަށް ލިބިފައިވާ އިރު، މިއަހަރު ޖޫން މަހު އަޔާލެންޑްގައި އޮންނަ އައިސީސީގެ އާއްމު ބައްދަލުވުމުގައިވެސް އަފްލާހު ބައިވެރިވާނެއެވެ. މިދިޔަ މަސް ތެރޭގައި ރާއްޖެއިން ކްރިކެޓް ވޯލްޑް ކަޕްގެ ކޮލިފަޔާސް ކުޅެފައިވާ އިރު، އެއީ ރާއްޖޭގެ ކްރިކެޓް ޓީމު ކުޅުނު ފުރަތަމަ އައިސީސީ މުބާރާތެވެ. ދުނިޔޭގެ ކްރިކެޓް ވޯލްޑް ކަޕަކީވެސް އައިސީސީގެ ދަށުން ކުރިއަށްދާ މުބާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ