ކްރިމިނަލް ކޯޓުގެ ގާޒީންނަށް ލިބުނު ގެއްލުންތަކުގެ ބަދަލެއް ނުދޭ: އިސް ގާޒީ

ކްރިމިނަލް ކޯޓުގެ ގާޒީންގެ މުދަލާއި ފުރާނަ އަށް ލިބިފައިވާ ގެއްލުންތަކުގެ ބަދަލު މިހާތަނަށް އައިއިރު ވެސް ދައުލަތުން ދީފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ. އެ ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އިސް ގާޒީ ވިދާޅުވީ ނުރައްކާތެރި ކުށްވެރިން، އެ ކޯޓުގެ ގާޒީންނާ ކުރިމަތިލާ އެ ގާޒީންގެ ޖާނާއި މުދަލަށް ބޮޑެތި ގެއްލުންތައް ދީފައިވާއިރު އެކަންކަމުގެ ބަދަލު ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހޯދައިދީފައި ނުވާ ކަމަށެވެ. އެހެންވުމުން ގާޒީންނަށް ސަލާމަތްތެރިކަން ދިނުމަކީ ކޯޓުގެ ޒިންމާއެއް ކަމަށް ދެކިގެން މިވަގުތު ކުރެވެން ހުރި މަސައްކަތްތައް ކޯޓުން ކުރަމުން އަންނަ ކަމަށް ވެސް ގާޒީ އަބްދުﷲ ވިދާޅުވި އެވެ. " އެގޮތުން މި ކޯޓުގެ ގާޒީންނާއި ގާޒީންގެ އަނބިދަރިންނާއި ދަރިންނަށް އެއްގަމު ދަތުރުފަތުރު ކުރެވޭނޭ ވަސީލަތްތައް ފޯރުކޮށްދީ އަޅުގަނޑުމެންނަށް ކޮށްދެވެން ހުރި އެންމެ ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ދަނީ ކުރެވެމުން،" އިސް ގާޒީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ކުށްކުރުން އިތުރުވެ ކޯޓުން ކުރަން ޖެހޭ މަސައްކަތްތައް ދެ ގުނައަށް ބޮޑުވިއިރު އެ ކޯޓުގައި އަދިވެސް ތިބީ ކުރިއެކޭ ވެސް އެއްގޮތަށް މަދު ގާޒީންތަކެއް ކަމަށެވެ. އެހެންކަމުން އޭގެ ދަތިތައް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވި އެވެ. ކަމަށެވެ. ކޯޓުގެ މުވައްޒަފުންނަކީ ދުނިޔޭގެ ފެންވަރުގެ ބޮޑެތި ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލާ ބައެއް ނަމަވެސް އެ މުވައްޒަފުންނަށް ރިސްކް އެލަވަންސް ނުލިބޭ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ. އަދި އެކަމުގައި ހަމަހަމަ އުސޫލެއް ގެންގުޅެން ޖުޑީޝަރީން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކްރިމިނަލް ކޯޓުން ނުދެކޭ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ. އޭގެ ސަބަބު ދައްކަވަމުން އޭނާ ވިދާޅުވީ ރިސްކް އެލަވަންސަކީ އެބަޔަކަށް ރިސްކް އޮންނަ މިންވަރަކުން ދޭން ޖެހޭ އެއްޗެއް ކަމަށެވެ. "މިއަދާ ހަމައަށް ވެސް މި ރިސްކް އެލަވަންސްގެ ކަންތައް ޖުޑީޝަރީގެ ފަރާތުން ހަމަޖައްސަން ޖެހޭ އިދާރާތަކުން މި ކޯޓުގެ މުވައްޒަފުންނަށް ހަމަޖައްސައިދީފައިނުވޭ. އެހެން ކަމަށް ވީ ނަމަވެސް ކޯޓުގެ މުވައްޒަފުން މިދަނީ ރޭގަނޑާއި ދުވާލު މި ދެންނެވި ނުރައްކާތެރި މަސައްކަތްތަކުގެ ތެރޭގައި ކޯޓުން ކުރަން ޖެހޭ ކަންކަން ދިވެހި ގައުމާއި ރައްޔިތުންނަށްޓަކައި އެއްވެސް ވަރުބަލިކަމެއް ނެތި ކުރަމުން،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ. އެ ކޯޓުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ވެސް އޭނާ ވަނީ ނަންގަވައިފަ އެވެ. އެކަމަކު ކޯޓުގެ ބައެއް ކަންކަން ތަރައްގީކުރެވިފައިވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކުށުގެ ރެކޯޑް ސާފުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން ކޯޓުގައި ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ