ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާ ހުކުރު ދުވަހުގެ ރޭ

ރާއްޖޭގެ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ކަމަށްވާ ހަވީރު ސްޕޯޓްސް އެވޯޑްސް ދިނުމުގެ ހަފުލާ މި މަހުގެ 15ވާ ހުކުރު ދުވަހުގެ ރޭ ބާއްވަން ހަވީރުން ނިންމައިފި އެވެ. މިދިޔަ އަހަރުގެ ކުޅިވަރުގެ ތަރިންގެ އަގުވަޒަންކުރުމަށް ހުކުރު ދުވަހުގެރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބާއްވާ ހަފުލާ ޓީވީއެމް އިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ނަވާރަ ވަނަ ހަވީރު ސްޕޯޓްސް އެވޯޑްސްގައި ފުޓްބޯޅަ އާއި ވޮލީބޯޅަ އަދި ބާސްކެޓްބޯޅަ އިން ޖުމްލަ 23 އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ކުޅިވަރުގެ އެހާރާއި މިހާރުގެ ތަރިން ބައިވެރިވާ މި ހަފުލާގައި މުނިފޫހިފިލުވުމުގެ ކުލަގަދަ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގެ ފެށުން ކަމަށްވާ ރަންބޫޓު މިދިޔަ ސީޒަނުގައި ކާމިޔާބުކުރި މުހައްމަދު އުމެއިރަށް ހަވީރު ރަންބޫޓާ އެކު 20،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ. އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 30،000ރ. ހުށަހަޅައިފައިވެ އެވެ. އަދި މި މަގާމަށް ވާދަކުރާ ދެވަނަ ކުޅުންތެރިއާ އާއި ތިން ވަނަ ކުޅުންތެރިއާ އަށް 15،000ރ. ހުށަހަޅައިފައިވެ އެވެ. އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 25،000ރ. ހުށަހަޅައިފައިވެ އެވެ. އަދި ވޮލީބޯޅަ މަގާމަށް ވާދަކުރާ ދެވަނަ ކުޅުންތެރިއާ އާއި ތިން ވަނަ ކުޅުންތެރިއާ ވެސް ހޮވާނެ އެވެ. އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 15،000ރ. ހުށަހަޅައިފައިވާއިރު މި މަގާމަށް ވާދަކުރާ ދެވަނަ ކުޅުންތެރިއާ އާއި ތިން ވަނަ ކުޅުންތެރިއާ އަށް އިނާމު ދެވޭނެ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސް އިން 2007 ވަނަ އަހަރު ތައާރަފްކުރި އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 20،000ރ. ހުށަހަޅައިފައިވެ އެވެ. އެންމެ މޮޅު އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 15،000ރ. ހުށަހަޅައިފައިވާއިރު، މި ދެ ބައިން ވެސް ދެވަނަ ކުޅުންތެރިއާ އާއި ތިން ވަނަ ކުޅުންތެރިއާ ހޮވާނެ އެވެ. މީގެ އިތުރުން ފުޓްބޯޅައިގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއާގެ އިތުރުން ވޮލީބޯޅަ އާއި ބާސްކެޓުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން މޮޅު ކުޅުންތެރިއާ ހޮވައި އެވޯޑް ދޭނެ އެވެ. މި ހަފުލާގައި ހަވީރުގެ ޚާއްސަ އެވޯޑް ވެސް ކުޅިވަރަށް ހިދުމަތްކޮށްދީފައިވާ ހާއްސަ ފަރާތަކަށް ދޭނެ އެވެ. މި އަހަރުގެ ހަވީރު ސްޕޯޓްސް އެވޯޑްގެ މަގާމުތަކަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް ފާއިތުވި ތިން ހަފުތާގެ ތެރޭ ޓީވީއެމް އިން ދެއްކި ހަވީރު ސްޕޯޓްސް އެވޯޑްސް ކައުންޓްޑައުން ޝޯ ގައި ވަނީ އިއުލާންކޮށްފަ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރުންނަކީ ދިރާގާއި މޯލްޑިވިއަން އަދި އެސްޓީއޯ އެވެ. އެސޯސިއޭޓް ސްޕޮންސަރުންނަށް ހަމަޖައްސާފައިވަނީ ސޮނީ ސްޕޯޓްސް އާއި އެލައިޑް އިންޝުއަރެންސާއި އެމްއެޗްއޭ އަދި ސަލްސާ ކޭޓަރިން އެވެ. މީޑިއާ ޕާޓްނަރެއްގެ ގޮތުން ޓީވީއެމް ހަރަކާތްތެރިވާއިރު އެޑްވަޓައިޒިން ޕާޓްނަރަކީ ތިންކް އެޑްވަޓައިޒިން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ