އައްޑޫގައި އަވަށު ބޯޑް ހެދީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ވެސް ކަނޑައަޅައިފި

އައްޑޫ ސިޓީ ކައުންސިލުން އައްޑޫގައި އަވަށު ބޯޑްތައް ހަދައި، މަގާމުތަކަށް މީހުން އައްޔަންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއިދުކޮށްފި އެވެ. އެ ކޯޓުން މިކަމަށް ތާއީދުކުރީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓްގެ ހުކުމް އިސްތިއުނާފު ކުރަން ކައުންސިލުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައި އިއްޔެ ނިންމުމަށް ފަހު އެވެ. މި މައްސަލާގައި ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ކައުންސިލުން އެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބަލައި، އެ ގަޟިއްޔާގައި ކުރައްވާފައިވާ ހުކުމަށް ބަދަލަށް ގެންނަން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ފެންނަން ނެތް ކަމަށެވެ. "މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގު ވެވުނު ހިނދު، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާގައި ކުރައްވާފައިވާ ހުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ދިވެހި ރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފީމެވެ،" ތިން ފަނޑިޔާރުން ސޮއި ކުރައްވައި ނެރުއްވި ހުކުމުގައިވެ އެވެ. މި މައްސަލަ ބެއްލެވި ތިން ފަނޑިޔާތުންނަކީ އަލީ ސަމީރާއި ޔޫސުފް ހުސައިނުގެ އިތުރުން ޝުއައިބް ހުސައިން ޒަކަރިއްޔާ އެވެ. އައްޑޫގައި އަވަށު ބޯޑް އުފައްދައި، މަގާމުތަކަށް މީހުން އައްޔަން ކުރި މައްސަލަ ބަލައި، އެއީ ގާނޫނާ ހިލާފަށް ނިންމުމެއް ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ ޖޫން 4، 2013 ގަ އެވެ. މި މައްސަލަ ކޯޓަށް ވެއްދީ ދާދިފަހުން ބޭއްވި ޕީޕީއެމްގެ ޕްރައިމަރީގައި، ހިތަދޫ މެދު ދާއިރާގެ އައްޑޫ ސިޓީ ކައުންސިލް ޓިކެޓަށް ވާދަ ކުރެއްވި އެ ރަށު ނޫރުވާދީ އިބްރާހީމް ރަޝީދު ވަޖުދީ އެވެ. އައްޑޫ ސިޓީ ކައުންސިލުން އަވަށު ބޯޑް އުފައްދައި، މަގާމުތަކަށް މީހުން ލި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ތަހުގީގުކޮށްފަ އެވެ. އެހެންވެ ގާނޫނާ ހިލާފަށް ކައުންސިލުން އަވަށު ބޯޑް އުފައްދައިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކައުންސިލަރުންގެ މައްޗަށް ދައުވާ ކުރަން އޭސީސީން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ފޮނުވައިފަ އެވެ. އައްޑޫގެ ރަށްރަށަށް ކަނޑައަޅާފައި ތިބި އަވަށު ބޯޑް ރައީސުންނާއި ނައިބް ރައީސުންގެ ތެރެއިން ބައެއް މީހުން މިހާރު އޮފީހަށް ނުނިކުތް ނަމަވެސް، އޭގެ ތެރެއިން ބައެއް މީހުން އޮފީހަށް ނިކުންނަކަން ފާހަގަ ކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ