އިމްތިޔާޒު ކޮމިޓީއަށް ޖަވާބުދާރީވާން ފުލުހާއި ކްރިމިނިލް ކޯޓުން އިންކާރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބަލަމުން އަންނަ ދެ މައްސަލައެއްގައި ޖަވާބުދާރީވާން ފުލުހުންނާއި ކްރިމިނަލް ކޯޓުން އުޒުރުވެރިވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކޯޓަށް ހާޒިރު ކުރަން މިދިއަ ސެޕްޓެމްބަރު 10 ވަނަ ދުވަހު ނެރުނު އަމުރާއި ގުޅިގެން މަޖިލީހުންވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ކޮމިޓީން ބުނެފައިވަނީ ޖާބިރާމެދު އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތައްތޯ ބެލުމަށް ބޭނުންންވާ ކަމަށާއި އެފަދަ އެހެން މައްސަލަތަކުގައި އެހެން މެމްބަރުންނާމެދު ވެސް އަމަލު ކުރާ ގޮތް ބަލަން އެ ކޮމިޓީން ބޭނުންވާ ކަމަށެވެ. ކޮމިޓީން އެދިފައިވަނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ މައުލޫމާތު ކޮމިޓީއަށް ފޮނުވައިދިނުމަށެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ ފަނޑިޔާރަކު އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ކުރެއްވި އަމުރަކާ ގުޅިގެން ގާނޫނު އަސާސީ އާއި ގާނޫނުނުގައި ބަޔާންވެގެންވާ އިސްތިއުނާފު ކުރުމުގެ އުސޫލުން ބޭރުން އެ ފަނޑިޔާރަކު ޖަވާބު ދާރީ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ތަކަކީ ދޭންޖެހޭ މައުލޫމާތެއް ކަމަށް އެކޯޓަށް ނުފެންނާތީ އެމައުލޫމާތު ނުދެވޭނެ ކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން އިމްތިޔާޒް ކޮމިޓީއަށް ޖަވާބުދާރީ ވުމަށް އުޒުރު ވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާރިއާގެ މެމްބަރު އަލީ އާޒިމް ކޮށްގެން އެރުވި ވެހިކަލްގެ ޑްރައިވަރާއި ފުލުހުންގެ އިދާރާއިން ފުރަތަމަ އަލީ އާޒިމް އާ ބައްދަލުވި އޮފިސަރު އިމްތިޔާޒު ކޮމިޓީއަށް ހާޒިރުވާން އެދުމުންނެވެ.
ފުލުހުންނަށް ކޮމިޓީން ފޮނުވި ސިޓީގެ ޖަވާބުގައި ފުލުހުން ބުނެފައިވަނީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ވަކި ހާއްސަ ކޮމިޓީއެއް (241 ކޮމިޓީ) އޮންނަ ހިނދު އިމްތިޔާޒު ކޮމިޓީއަށް ވަކި ވަކި ފުލުހުން ފޮނުވުމަށް އިއުތިރާޒު ކުރާ ކަމަށެވެ.
އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޓީގެ މުގައްރިރު މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވީ ފުލުހުންނާއި ކްރިމިނަލް ކޮމިޓީން ފޮނުވާފައިވާ ޖަވާބާ ބެހޭ ގޮތުން ލަސް ވެގެން ތިން ދުވަހުގެ ތެރޭގައި ކައުންސިލް ޖެނެރަލްގެ ލަފާއެއް ހޯދަންޖެހޭ ކަމަށެވެ. އަދި ދެން އިމްތިޔާޒު ކޮމިޓީ ކުރިއަށް ގެންދަވާނީ ކައުންސިލް ޖެނެރަލްގެ ލަފާއަށް ފަހު ކަމަށް ވެސް މުގައްރިރު ވިދާޅުވި އެވެ.
ހަތް މެމްބަރަކު ބައިވެރިވި މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ދެން އޮންނަ އެ ކޮމިޓީގެ ބައްދަލުވުމަކަށް ޕްރޮސެކިއުޓާ ޖެނެރަލް އެ ކޮމިޓީއަށް ހާޒިރު ކުރަން ވެސް ވަނީ ނިންމާފަ އެވެ.
އިއްޔެ އެ ކޮމިޓީން ބޭއްވި ބައްދަލުވުމަށް ޕީޖީ ހާޒިރުކޮށްފައިވާއިރު ދެން އޮންނަ ބައްދަލުވުމަކަށް ވެސް ޕީޖީ ހާޒިރުކުރަން ނިންމީ މެމްބަރު ފުލުހުން އާޒިމް ހައްޔަރުކޮށްފައިވާތާ ތިން ދުވަސްވެފައިވާއިރު އަދި މިހާތަނަށް އެއްވެސް ތަހުގީގެއް ހިންގާފައި ނުވާތީ އާއި އަލީ އާޒިމް އާ އެއްވެސް ސުވާލެއް ކޮށްފައި ނުވާތީ އެކަމާ ބެހޭގޮތުން ޕީޖީން ދެކޭ ގޮތެއް ސާފު ކުރުމަށެވެ.
ކޮމިޓީއަށް ޕީޖީ ހާޒިރު ކުރުމަށް ހުށަހެޅީ ކޮމިޓީގެ ނައިބު މުގައްރިރު އިމްތިޔާޒު ފަހުމީ އެވެ. އަދި އެ ހުށަހެޅުން ފާސްވީ ހާޒިރުވެތިބި ހަތް މެމްބަރުންގެ އަގްލަބިއްޔަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ