ސަޕޯޓަރުންނަށް ފިޔަވަޅު އަޅާތީ އުމަރު އަމުރެއް ހޯދަނީ

ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރަށް ތާއީދުކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އުމަރު އެދިވަޑައިގެންފިއެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ކަންތައްތަކެއް އޮޅުވާލާފައިވާތީ ހައްޤުތަކެއް ގެއްލިފައިވާ ކަމަށް ތުހުމަތުކޮށް އުމަރު ނަސީރު ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ކޯޓަށް ވަޑައިގެން އުމަރު ވިދާޅުވީ ޕީއެމްގެ ޕްރައިމަރީއަށްފަހު ހިގަމުންދާ ކަންކަން ހުއްޓުވާ އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާ ޕާޓީން ވަކިކުރުމުގެ މަސައްކަތް ޕީޕީއެމުން ކުރަމުންގެންދާތީ އެކަންކަން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އުމަރު ދައުވާކުރައްވަނީ ޕީޕީއެމްގެ ޕްރައިމަރީގައި އެޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައި ނުވާ 8915 މީހަކު ވޯޓްލާފައިވާތީ އެއީ އެތައް ބައެއްގެ ހައްޤު ގެއްލިގެންދާ ކަމެއްކަމަށް ތުހުމަތުކޮށް ޕްރައިމަރީ ބާތިލްކޮށްދިނުމަށެވެ.
އުމަރުގެ ފަރާތުން ޝަރީއަތުގެ މަޖިލީހަށް ދައުވާ އިއްވުމުން ޕީޕީއެމްގެ ޤާނޫނީ ވަކީލް އަދި އެޕާޓީގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހީމު ރިޒާ ވިދާޅުވީ ޕްރައިމަރީ ބާތިލްކުރި މައްސަލައާއި އުމަރު ޕާޓީން ވަކިކުރި މައްސަލަ އުމަރު ކޯޓަށް ހުށަހަޅުއްވާފައިވަނީ ޕާޓީގެ އެތެރޭގައި ހަމަޖެހިފައިވާ އިޖުރާއާތުތައް ފުރިހަމަނުކޮށް ކަމަށެވެ. އެހެންކަމުން މިމައްސަލައަކީ އުމަރަށް ކޯޓަށް ހުށަހަޅައިގެން ކުރިއަށްގެންދެވޭނެ މައްސަލައެއް ނޫން ކަމަށްވެސް ރިޒާ ވަނީ ވިދާޅުވިއެވެ.
ރިޒާއަށް ރައްދުދެއްވަމުން އުމަރު ވިދާޅުވީ އޭނާ ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ކޯޓުގައި ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށެވެ. އަދި ޕާޓީގެ އެތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަކުރުމަށް މަސައްކަތް ނުކުރެއްވީ ޕާޓީގެ އެތެރޭގައި ކަންކަން ބެލުމަށް އުފައްދާފައިވާ ކޮމިޓީ ތަކަކީ އަބްދުﷲ ޔާމިންގެ ފުރިހަމަ ބާރާއި ނުފޫޒު އޮތް ކޮމިޓީ ތަކަކަށްވާތީ އިންސާފު ނުލިބޭނެތީ ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީ ބާތިލް ކުރުމަށް އުމަރު ހުށަހެޅުއްވި މައްސަލައިގެ ފުރަތަމަ އަޑު އެހުން މިއަދު ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، މިމައްސަލަ މީގެ ކުރިން އުމަރުގެ ސަޕޯޓަރަކުވެސް ވަނީ ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް އެފަހަރު ކޯޓުން މައްސަލަ ބޭރުކޮށްލީ މައްސަލަ ހުށަހެޅި ފަރާތަށް އެމައްސަލަ ހުށަހެޅުމުގެ ހައްޤު ލިބިގެން ނުވާ ކަމަށް ކަނޑައެޅުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ