އިސް ފަނޑިޔާރު ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ ތާވަލް ކުރިއިރު ގާޒީ ޗުއްޓީގައި

ހައި ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފު ސަސްޕެންޑް ކުރީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އޭނާގެ ފަރާތްޕުޅުން ދެ ވަނަ ފަހަރަށް ސިވިލްކޯޓަށް ހުށަހެޅުމުން މައްސަލަ ބައްލަވާ ގާޒީ ޗުއްޓީ ނަންގަވާފައިވާތީ މިއަދަށް ތާވަލުކުރި އަޑުއެހުން ބޭއްވޭ ގޮތެއް ނުވި އެވެ.
އަހުމަދު ޝަރީފް ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމުން ވަކި މުއްދަތެއް ނެތްގޮތަށް ސަސްޕެންޑްކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ.
ޝަރީފް ސަސްޕެންޑް ކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށްއެދި އޭނަގެ ފަރާތްޕުޅުމް ޖޭއެސްސީއާ ދެކޮޅަށް ސިވިލްކޯޓަށް ފުރަތަމަ ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލާފައިވަނީ ޝަރީފުގެ ފަރާތްޕުޅުން އެއްވެސް ބޭފުޅަކު ކޯޓަށް ހާޒިރުވެ ވަޑައި ނުގަރުމުގެ ސަބަބުން މިމަހުގެ 17 ވަނަ ދުވަހުގައެވެ. ޝަރީފުގެ ފަރާތްޕުޅުން މިމައްސަލަ ދެ ވަނަ ފަހަރަށް ކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް މި މައްސަލައާ ގުޅޭގޮތުން އެއްވެސް އަޑުއެހުމެއް މިހާތަނަށް ބާއްފައެއް ނުވެއެވެ.
ޝަރީފުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އޭނާ އެދިވަޑައިގެންފައިވަނީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމުން އޭނާ ސަސްޕެންޑްކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ސަސްޕެންޑް ކުރި މައްސަލަ ހުއްޓުވައިދިނުމަށް ވަގުތީ އަމުރެއް ވެސް ދައުވާގައި ހިމަނާފައި ވެއެވެ.
ޝަރީފުގެ ވަކީލަކީ ކުރީގެ ބަންޑާރަ ނައިބު އަދި ކުރީގެ މަދަނީ ކޯޓްގެ އިސް ގާޒީ ހުސްނުއް ސުއޫދެވެ.
ޖޭއެސްސީން ޝަރީފް ސަސްޕެންޑްކޮށްފައިވަނީ ވަނީ އޭނާއާ ދެކޮޅަށް ހައި ކޯޓުގެ ހަތް ފަނޑިޔާރަކު ހުށަހެޅި މައްސަލައެއް ބަލަމުންދާތީ މައްސަލަ ނިމެންދެން "ރައްކާތެރިކަމުގެ" ފިޔަވަޅެއްގެ ގޮތުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. ޝަރީފް ސަސްޕެންޑްކޮށްފައިވާތީ ހައި ކޯޓު ހިންގުން މިހާރު ހަވާލުކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ