ފަހުމީ ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން އެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް ހިންގެވި ކަމަށް ކަނޑައަޅައި މުހައްމަދު ފަހުމީ ހަސަން ރައްޔިތުންގެ މަޖިލީހުން މަގާމުން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި މައްސަލަ ހުށަހެޅުމުގެ ހުއްދަ ސުޕްރީމް ކޯޓުން މިއަދު ދީފި އެވެ. މި މައްސަލަ ހުށަހެޅުއްވި ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ ފަހުމީ މަގާމުން ވަކިކުރި މައްސަލަ އޭނާ ހުށަހަޅުއްވަނީ ދުސްތޫރީ މައްސަލަތަކެއް ފާހަގަކުރައްވާފައި ކަމަށެވެ. އަދި މައްސަލަ ހުށަހެޅުމުގެ ހުއްދަ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ދެއްވުމުން ދެތިން ދުވަސް ތެރޭ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވައްޑެ ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލަޔާ ބެހޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމަވާނެ އެވެ. ފަހުމީ މަގާމުން ވަކިކޮށްފައި ވަނީ ސިވިލް ސާވިސް ކޮމިޝަންގެ އަންހެން މެންބަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަޔަލާ ގުޅިގެންނެވެ. އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކޭ ބެހޭ ކޮމިޓީން ބެލުމަށް ފަހު ނިންމާފައި ވަނީ ފަހުމީގެ މައްޗަށް ކުރާ ތުހުމަތަކީ، ނުހިނގާ ކަމަކަށް ވުރެ ބޮޑަށް ހިނގާފައިވާ ކަމެއްގެ ގޮތުގައި ފެންނަ ކަމަށެވެ. ގާނޫނު އަސާސީގައި ބުނަނީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރަކު މަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް ހިންގައިފި ކަމަށް މަޖިލީހުގެ ކޮމިޓީއަށް ފެނިއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން އެ މެންބަރަކު މަގާމުން ވަކިކުރެވޭނެ ކަމަށެވެ. ފަހުމީ މަގާމުން ވަކިކުރީ ކުށެއް ސާބިތު ނުވަނީސް ކަމަށާއި މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ފަހުމީގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބެލުމަށް ފަހު ވެސް ބުނެފައި ވަނީ ފަހުމީ ޖިންސީ ގޯނާކުރި ކަމަށް ސާބިތު ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ