މުއްރަތު މެރުމަށް ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލިކަން ސާބިތުވެ މ. މަސްރޫރާ އަހުމަދު މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ދެންމެ ތާއީދުކޮށްފި އެވެ. ޖުލައި 1، 2012 ގައި މ. މަސްރޫރާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ނަޖީބްގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮށްފައިވާ ހުކުމެއް ކަމަށް ހައި ކޯޓުން ކަނޑައެޅީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ގިސާސް ހިފަން ހުކުމް ކޮށްފައިވަނީ ނަޖީބުގެ، އަށް ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ކޯޓުގައި ބުނެފައިވާތީ އެވެ. ނަޖީބު މަރާލި ކަމަށް ޝަރީއަތުގައި އިއުތިރާފް ވަމުން މުއްރަތު ބުނެފައި ވަނީ ނަޖީބަށް ހަމަލާދިންއިރު، އޭނާ ހުރީ މަސްތުވެގެން ކަމަށާއި ހަމަލާދެވުނީ އައި ރުޅީގައި ކަމަށެވެ. އަދި އެކަމަށް މައާފަށް އެދޭ ކަމަށާއި އެކަމުގައި ދެވޭނެ އެންމެ ލުއި އަދަބެއް ދިނުމަށް އެދޭ ކަމަށް ވެސް މުއްރަތު ކްރިމިނަލް ކޯޓުގައި ބުނެފައިވެ އެވެ. ކްރިމިނަލް ކޯޓެކޭ އެއްފަދައިން ހައި ކޯޓުން ކުރި ހުކުމުގައި ވެސް ވަނީ އަމިއްލަ އިހުތިޔާރުގައި މަސްތުވެގެން ހުރެ ކުރާ ކުށުގެ ޒިންމާ އެ މީހަކު އުފުލަންޖެހޭނެ ކަމަށެވެ. އަދި ނަޖީބަށް ހަމަލާދޭން މުއްރަތު ބޭނުންކުރި ހަތިޔާރަކީ، މީހަކު މަރާލެވިދާނެ ފަދަ އެއްޗަކަށް ވުމާއި ނަޖީބު މަރުވެފައި ވަނީ މުއްރަތު ހިންގި އަމަލުގެ ސަބަބުން ކަމަށް ވާތީ، އެއީ މީހަކު މަރާލުމުގެ ގަސްތު އޮވެގެން ކޮށްފައިވާ ކަމެއްކަން އެނގޭ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. މުއްރަތުގެ އިތުރުން އެ އަމަލުގައި ބައިވެރިވި އޭނާގެ ލޯބިވެރިޔާ ހަނާ ވެސް މެރުމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ މީހުން މެރުމަށް ނަޖީބުގެ ވާރިސުން ބޭނުންވާތީ، ޝަރުއީ ހަމަތަކުން ބަލާއިރު މުއްރަތާއި ހަނާގެ ލޭގެ ހުރުމަތް ކެނޑިފައިވާ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައި ވަނީ ކަނޑައަޅައިފަ އެވެ. މުއްރަތުގެ އިތުރުން ހަނާ ވެސް ޝަރީއަތުގައި ބުނެފައިވަނީ މަސްރޫރާ ގެއަށް ނަޖީބު ދިޔައީ މުއްރަތު މަންމަގެ އެކައުންޓުން ފައިސާ މަދުވި މައްސަލައަކާއި މަސްރޫރާގޭގެ ބިމުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރަން މުއްރަތު އެދުމުން ކަމަށެވެ. އަދި އެގެއަށް ގޮސް ހަނާގެ ކަންތައްތަކަށް ނަޖީބު ސަމާލުކަންދޭތީ އެކަމާ ރުޅިއައިސްގެން ގޮނޑިއެއްގައި ނަޖީބު ބަނީ ކަމަށާއި އޭގެ ފަހުން ނަޖީބު އަޑުގަދަކުރަން ފެށުމުން އައި ރުޅީގައި ނަޖީބުގެ ކަރަށް ވަޅިން ހަމަލާދީ މަރާލީ ކަމަށް ވެސް މުއްރަތު ކޯޓުގައި ބުނެފައިވެ އެވެ. ގަސްދުގައި މީހަކު މަރާލުމުގެ ކުށުގައި ހަނާ އާއި މުއްރަތުގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވެސް ކުރިއަށް ގެންގޮސްފައި ވަނީ ވަކިވަކިންނެވެ. އަދި ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްގެން ކުރިއަށް ގެންދަނީ ވެސް ވަކިވަކިވަކިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ