ދެލިފިލާ ގަލަމަށް ސަމާލުވުމަށް ގާސިމް އިލްތިމާސް ކުރައްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓް ކާރުދާސްކޮޅުގައި ޖަހާ ފާހަގަ ފިލާ ފަދަ ގަލަމެއް ބަޔަކު ރާއްޖެ ގެނެސް ރައްޔިތުން ލައްވާ އެފަދަ ގަލަން ތަކުން ވޯޓްލައްވަން މަސައްކަތް ކުރަމުން ގެންދާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ވިލިމާލޭގައި މިރޭ ޖުމްހޫރީ ގުޅުމުން ބޭއްވި ކެމްޕޭން ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ވޯޓް ކަރުދާސް ކޮޅުގައި ޖަހާ ފާހަގަ ފިލާ ފަދަ "މެޖިކް" ގަލަންތަކެއް ބަޔަކު ރާއްޖެ ގެނެސް ބަޔަކަށް ގެއްލުންދޭން މަސައްކަތް ކުރަމުންގެންދާ ކަމުގެ މައުލޫމާތު ލިބެމުންދާތީ ކޮންމެ ރައްޔިތަކުވެސް ވޯޓްލާއިރު، ވޯޓްލާން ބޭނުންކުރާ ގަލަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
"އެހެންވީމާ ހުރިހާ ބޭފުޅުންވެސް ރަގަޅަށް ވިސްނާ ވަޑައިގެން، ވަޑައިގަންނަވާށޭ އެބޭފުޅަކު އަމިއްލަ ގަލަމެއް ހިއްޕަވައިގެން. މީހަކު ދޭ ގަލަމެއް ބޭނުން ނުކުރުން ވަރަށް ރަގަޅުވާނޭ ނުވަތަ އެތަނުގައި އޮންނަ ގަލަން މީހަކު ބޭނުންކޮށްފައި ޖީބަށް ލުމަށްފަހު މިދެންނެވި ފަދަ ގަލަމެއް އެތަނުގައި ބާއްވައިފިއްޔާ ދެން އަންނަ ހުރިހާ އެންމެންވެސް ފާހަގަލާނީ މިދެންނެވި ގަލަމުން. ލާއިރު އިރުކޮޅަކުން، ދިހަވަރަކަށް މިނިޓް ފަހުން ބަލާއިރު، ފާހަގަ އިންނާނީ ގެއްލިފައި. އެހެންވީމާ އެވޯޓް ވެގެންދާނީ ބާތިލް ވޯޓަކަށް. އެހެންވީމާ މިކަންކަމަށް ވަރަށް ރަގަޅަށް ވިސްނާވަޑައިގަންނަވަންޖެހޭ. މިއީ ދުނިޔޭގެ އެކި ތަންތަނުގައި ހިނގާ ކަންކަން. ކޮށްފައި ހުރި ކަންކަން" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓްލާން ނިކުންނަ ދުވަސް ގާތްވަމުންދާތީ އައިޑީ ކާޑަށް ސަމާލުވުމަށްވެސް އިލްތިމާސް ކުރައްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ވީހާވެސް ހެނދުނު ރައްޔިތުން ވޯޓްލުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށާއި، ވޯޓްލާ ދުވަހުގެ މެންދުރުފަހު ބަޔަކު ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތުވެސް ލިބެމުންދާ ކަމަށެވެ.
"އަޅުގަނޑުވެސް ދަންނަވާލަން ބޭނުމީ އަޅުގަނޑުމެންގެ އެންމެހާ ލޮބުވެތި ރައްޔިތުން އަވަހަށް ވީހާ ހެނދުނާ މާއިރާގައި ގޮސް ވޯޓް ލުމަކީ ވަރަށް މުހިއްމު ކަމެއް. ވޯޓް ލައްވާއިރު ކެންޑިޑޭޓް ނަންބަރު އެކަކަށް ވޯޓް ލައްވާށޭ. ދިވެހިރާއްޖޭގެ އިސްލާމްދީނާ ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލް ސަލާމަތް ކުރުމަށްޓަކައި ކެންޑިޑޭޓް އެކަކަށް ވޯޓް ދެއްވުމަށް އަޅުގަނޑު އެދެމޭ" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ނިކުންނެވީ ގައުމުގެ ހާލަތު ރަގަޅުކުރުމުގެ ޒިންމާ ދީނީ ގޮތުން އެމަނިކުފާނު އިސްތަށިފުޅުގައިވެސް އޮތުމުން ކަމަށާއި، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ އިސްލާމްދީނަށް ނަސްރު ހޯދާދިނުމަށާއި، ގައުމުގެ އިގްތިސޯދު ރަގަޅުކޮށް ތަރައްޤީ ގެނައުމަށާއި، ގައުމުގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ.
އިންތިހާބުގައި ރައްޔިތުން ވޯޓްލާއިރު ކެންޑިޑޭޓުންގެ މާޒީގެ ތަޖުރިބާއާ ހޯއްދަވާފައިވާ ކާމިޔާބަށް ބެއްލެވުމަށްފަހު ވޯޓް ދެއްވުމަށްވެސް ގާސިމް އިބްރާހިމް ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
"އާދެ! ޓްރެކް ރެކޯޑްގެ ވާހަކަ މިދައްކަނީ. އެ ވާހަކަ ދައްކާ ކަމަށް ވަންޏާ ބަލާލަން އޮތީ މުސްތަގުބަލަށްޓަކައި ރައްޔިތުންނަށް ކަންތައްތަކެއް ހިދުމަތްތަކެއް ކޮށްދޭން ވާހަކަ ދައްކަވާ ބޭފުޅަކު އެއީ ކޮންމެ ބޭފުޅަކު ކަމުގައިވިޔަސް މާޒީގައި އިއްޔެއާ އިހަށް ދުވަހު އޭގެ ކުރީ އަހަރު ތަކުގައި މަސް ތަކުގައި ކަންތައްތައް މީހުން ކޮށްފައި ހުރީ ކިހިނެއްތޯ. އެގޮތަށް ބައްލަވައިފިއްޔާ އަޅުގަނޑު ދަންނަވާނީ ހަމަގައިމުވެސް އެހެން ބޭފުޅަކަށް 10 ޕަސަންޓް ކަމުގައި ވަންޔާ އަޅުގަނޑަށް 99 ޕަސަންޓް ދެއްވަންޖެހިވަޑައިގަންނަވާނޭ. އެހެންވެއްޖިއްޔާ ވޯޓްލާނެ މީހާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ. އެއްބުރުން ކަމުގައިވިޔަސް އަދި ހަތަރުބުރުން ކަމުގައިވިޔަސް" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ކުރިން މާލީ ވަޒީރު ކަންވެސް ކުރައްވާފައިވާ ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާ ކަމަކަށް ވައުދުވެވަޑައިގަންނަވަނީ އެކަމެއް ކޮށްދެވޭނެތީ ކަމަށާއި، މިހާތަނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާ ދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ހުޅުމާލެ، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅާލާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދަކީވެސް ފުއްދަވާނެ ދެއްވާނެ ވައުދެއްކަން ވިލިމާލޭގެ ރައްޔިތުންނަށް ޔަޤީންކޮށްދެއްވާ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ތަރައްޤީ ގައިމު ކުރައްވާނެ ކަމަށާއި ނަމަވެސް ދިވެހި ދައުލަތުގެ ލޯލާރިއެއްގައިވެސް އެމަނިކުފާނު ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"މާތްﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެން އެކަން ކުރާނަން. އަޅުގަނޑުމެން އެކަން ކުރާނަމޭ ބުނީމާ ޝައްކު ކުރުމުގެ ޖާގައެއް ނެތް. ވިސްނާލީމާ އިނގޭނެ ޖުމްހޫރީ ގުޅުމުގައި ޖުމްހޫރީ ޕާޓީގައި އަދި އަޅުގަނޑަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ގާބިލް ޓީމެއް އެބައޮތް. އެއީކީ ކުލަޖައްސާކަށް އަޅުގަނޑުމެން ދެއްކި ވާހަކައެއް ނޫން. ހަމައެހެންމެ މުޅި ރާއްޖޭގެ ތަރައްގީއަށްވެސް އަޅުގަނޑުމެން ނިސްބަތްކޮށް މިދައްކާ ވާހަކަ މިދައްކަނީ" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަމުން ގެންދަވާ ބޭފުޅުންނަށް ބެއްލެވުމުންނާއި، މުޅި ރާއްޖެއިން ޖުމްހޫރީ ޕާޓީއަށް ލިބެމުންދާ ތާއީދަށް ބެއްލެވުމުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން ބޮޑު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ދީނާ ގައުމުގެ ހައްގުގައި ކަމަށާއި، އަދި މިހާތަނަށް އެމަނިކުފާނު ކުރެއްވި އެއްވެސް ކަމެއްގައި ފެއިލްވެ ވަޑައިނުގަންނަވާ ކަމަށެވެ.
ގާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ ގައުމުގެ އިގްތިސޯދީ ހާލަތު ރަގަޅު ކޮށް އުފާވެރި ދިރިއުޅުމެއް ހޯއްދަވާ ދެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒު ކޮށްދެއްވުމަށް ފުރުސަތު ދެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން ކެންޑިޑޭޓް ނަންބަރު އެކަކަށް ވޯޓްދެއްވާ އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކުރައްވާ މަސައްކަތަށް އެހީތެރިވެ ދެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ