ރައްޔިތުން ތަހަންމަލްކުރަމުން ދިޔަ ކަންތައްތަކުން ސަލާމަތް ކޮށްދިނީ ޕީޕީއެމް: ރައީސް މައުމޫން

ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ރައްޔިތުންނަށް ގިނަގުނަ ވޭންތަކެއް ތަހަންމަލް ކުރި ކަމަށާއި، އެ ކަންކަމުން ރައްޔިތުން ސަލާމަތް ކޮށްފައިވަނީ ޕީޕީއެމްއިން ކުރި ބުރަ މަސައްކަތުން ކަމަށް ޕާޓީގެ ވަގުތީ ރައީސް، ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ފެށިގެން ކުރިއަށްދާ ޕީޕިއެމްގެ ފުރަތަމަ ގައުމީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ޕީޕިއެމް އުފެދެން ޖެހުނީވެސް ރައީސް ނަޝިދުގެ ސަރުކާރުން ކަންތައް ކުރައްވަމުން ގެންދެވިގޮތުން ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ހިންގި މުހިންމު ގިނަ ހަރަކާތްތަކެއްގައި ޕީޕިއެމްއިން އިސް ސަފުގައި ހަރަކާތްތެރިވެފައި ވާކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ އޭރު (ރައީސް ނަޝީދުގެ ވެރިކަމުގައި) އަޅުގަނޑުމެން ތަހަންމަލް ކުރަމުން ދިޔަ ގިނަގުނަ ވޭންތަކާއި، ގިނަގުނަ ދަތިތަކުން ސަލާމަތްވެ މިއަދު ހިންދެމިލާނެ ފުރުސަތު އަޅުގަނޑުމެންނަށް މި ލިބުނީ އޭރު ސިޔާސީ ގޮތުން ރައްޔިތުން މަޖިލީހުގެ ތެރެއިންނާއި، ރައްޔިތުން މަޖިލީހުގެ ބޭރުން ކުރަމުން ގެންދިޔަ ބުރަ މަސައްކަތްތަކުގެ ސަބަބުންނޭ. އެހެންވީމާ އެއީވެސް އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމް ހޯދި ވަރަށް ބޮޑު ކާމިޔަބީއެއް،" ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމްގެ ހަމައެކަނި މަގުސަދަކީ ދިވެހި ގައުމަށް ހިދުމަތް ކުރުން ކަމަށެވެ. އަދި ޕީޕީއެމްގެ ޝިޔާރަކީވެސް "އެންމެ ފުރަތަމަ ގައުމު" ކަމުގައިވެސް ރައީސް މައުމޫނު ވިދާޅުވިއެވެ. މައުމޫނު ވިދާޅުވީ ޕީޕިއެމްއިން އަބަދުވެސް ބަލާނީ ގައުމަށް ހެޔޮ ގޮތް ހޯދައި ދެވޭތޯ ކަމަށާއި، ޕީޕީއެމްގެ ހުރިހާ ކަމެއްވެސް އަމާޒު ކުރެވޭނިވެސް ގައުމަށް ރަނގަޅު ގޮތް ހޯދައި ދިނުމަށް ކަމަށެވެ.
ޕީޕީއެމް އަކީ ރާއްޖޭގެ މިނިވަންކަމަށް އަބަދުވެސް މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށާއި، އެގޮތުން އިސްލާމް ދީން ހިމާޔަތް ކުރުމަށް އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ. ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމްގެ އަމާޒަކީ ރައްޔިތުންނަށް އުފާވެރި ފާގަތި ދިރިއުޅުމެއް ހޯދައި ދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ