އިލެކްޝަންސް ކޮމިޝަނުގެ ރިމޯޓު އޮންނަނީ އެހެން މީހެއްގެ އަތުގައި: ގާސިމް
ރިޔާސީ އިންތިހާބު މިއަދު ބާއްވަން ނިންމި ނަމަވެސް އެކަމަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ވަރަކަށް ތައްޔާރުވެފައި ނުވާ ކަމަށާއި އެތަނުން ކަންތައްތައް ކުރަމުން ގެންދަނީ ވަކި މީހަކު ބުނާ ގޮތަކަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ. އެ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މިއަދު އިންތިހާބު ނުބޭއްވުނީ ޖޭޕީ އާއި ޕީޕީއެމްގެ އެއްބާރުލުން ނުލިބިގެން އެ ކޮމިޝަނުން ކަމަށް ތުހުމަތު ކުރި ނަމަވެސް، އިންތިިހާބުގެ ގިނަ ކަންތައްތައް އަދިވެސް ނުނިމޭ ކަމަށެވެ. އެކަމަކު ބޭރު ގައުމުތަކުގެ އޮބްޒާވަރުންނަށް ދައުވަތު ދީގެން ރާއްޖެ ގެނެސް، އިންތިހާބު ނުބޭއްވުނީއޭ ބުނެ އިލެކްޝަންސް އިން ވާހަކަތައް ދައްކަނީ ވަކި ޕާޓީތަކެއް ބަދުނާމު ކުރުމުގެ ގޮތުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. "މި ބޭފުޅުން މިހަދަނީ ވަކި މީހަކު ބުނާގޮތެއް. ކޮމިޝަނުގެ ރިމޯޓު މި އޮންނަނީ ކޮންމެވެސް އެހެން މީހެއްގެ އަތުގައި،" ވަކި މީހެއްގެ ނަން ވިދާޅު ނުވެ ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން އިސްވެ މަޝްވަރާ ކުރުމަށް ކަނޑައެޅުއްވި މަންދޫބު، ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާ މިއަދު އިލެކްޝަނުން ބައްދަލުކޮށް އެ ކޮމިޝަނުގެ ސިސްޓަމްތަކަށް ބަޔަކު ވަދެ ގެއްލުން ދެމުންދާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ވެސް މިއަދު ސައްހަ އިންތިހާބެއް ނުބޭއްވޭނެ ކަން އިލެކްޝަންސް ކޮމިޝަނަށް އިނގޭ ކަމަށް ގާސިމް ވިދާޅުވި އެވެ. ރިޔާސީ އިންތިހާބު މިއަދު ނުބޭއްވުމުން އިންތިހާބު ބާއްވަން ޖޭޕީން ހުށަހެޅި ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ. އެކަމަކު އެ ދުވަހު ވެސް އިންތިހާބު ނުބޭއްވެވޭނެ ކަމަށް އިލެކްޝަންސް އިން ބުނުމުން ނޮވެމްބަރު ނުވައެއްގައި ނަމަވެސް އިންތިހާބު ބާއްވައި، އަވަސް ކޮށްދިނުމަށް އެ ކޮމިޝަނުގެ ކިބައިން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ހިތަށް އަރަނީ އިންތިހާބަށް އެހާ ބޮޑަށް ތައްޔާރުވެފައި ތިބި ބަޔަކު ކީއްވެގެން ބާވައޭ އަންނަ ހޮނިހިރު ދުވަހު އެކަން ނުވާންވީ،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރީރަޖިސްޓާ ކުރުމާއި އަލަށް 18 އަހަރު ފުރޭ އަދި މަރުވާ މީހުންގެ އަދަދު ބަލައި، ލިސްޓަށް ބަދަލު ގެނައުމަކީ މާގިނަ ވަގުތު ނަގާނެ ކަމެއް ނޫން ކަމަށެވެ. އިންތިހާބު ފަސްކުރުމާ ގުޅިގެން އެމްޑީޕީން މިހާރު ކުރަމުންދާ އިހްތިޖާޖުތަކަށް ވެސް ގާސިމް މިރޭ ވަނީ ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މަގުތައް ބަންދުކޮށްގެން ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރުމަކީ ޑިމޮކްރަސީ ނޫން ކަމަށާއި އެއީ ޑިކްޓޭޓާޝިޕް ކަމަށެވެ. "އެއަށް ކިޔަނީ އަނިޔާވެރިކަން. ރައްޔިތުންގެ އަހުލާގާއި ސުލޫކު ނަގާލައި ޑިމޮކްރަސީގެ ނަމުގައި އެ އަމަލު ކުރަނީ ރަނގަޅަކަށް ނޫން،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ