ރާއްޖެ ޓީވީއަށް ގެއްލުންދިން މީހުން ހޯދައި އެމީހުންނަށް ހައްގު އަދަބު ދިނުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމް މިކަމަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
ގާސިމް ވިދާޅުވީ ރާއްޖެ ޓީވީއަށް ދިން ގެއްލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި މިކަން ހިންގި ފަރާތްތަށް އިންސާފުގެ ކުރިމައްޗަށް ގެނެސް އެކަން ކުރި ބަޔަކަށް ހައްގު އަދަބު ދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ.
ގާސިމް ވިދާޅުވީ އެފަދަ ނާތަހުޒީބީ އަމަލުތަކަށް ހިތްވަރު ނުދެއްވާނެ ކަމަށާއި ސަލާމަތީ ފަރާތްތަކަށް ފާޑުކިޔާ އެފަރާތްތަކުގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމުގެ ބަދަލުގައި މިކަން ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަލާމަތީ ފަރާތްތަކަށް އެއްބާރުލުން ދިނުން މުހިއްމު ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލަ ނަންގަވާ އެމްޑީޕީގެ މެންބަރުން ވިދާޅުވީ ރާއްޖެ ޓީވީއަށް ދިން ގެއްލުންތަކާއި ގުޅިގެން އެތަނުގެ ޓްރާންސްމިޝަން މެދުކެނޑި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އެޗެނަލުން ލައިވްނުކުރާތީ ދިޓީވީއާއި ވީޓީވީން މަޖިލީހުގެ ޖަލްސާތައް ލައިވް ކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ. މެންބަރުންގެ އެ ވާހަކަތަކަށް ޖަވާބުދާރީވަމުން ގާސިމް ވިދާޅުވީ ވީޓީވީން މަޖިލިސް ލައިވް ކުރުން ހުއްޓާލީ މަޖިލީހުގެ ތެރޭގައި މެންބަރުން، ބައެއް ފަރާތްތަކުގެ އަބުރު ކަތިލާ ހިންގާ ހަނޑިމުޑުދާރު އަމަލު ތަކުގެ ސަބަބުން ކަމަށެވެ.
ވީޓީވީއަށް މީގެ ކުރިން ދެފަހަރެއްގެ މަތިން ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށާއި ނަމަވެސް ރާއްޖެ ޓީވީއަށް ލިބުނު ގެއްލުންތައް ކުށްވެރިކޮށް ވާހަކަދައްކަވަމުން ގެންދާ ފަރާތްތަކުން އެދުވަހު ވީޓީވީއަށް ދިން ގެއްލުން ކުށްވެރިކޮށް އެކަމުގައި ވަކާލާތު ކުރައްވާފައި ނުވާތީ ހިތާމަ ކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"މިކަން ކުށްވެރިކުރަން. އަޅުގަނޑުމެންނެއް އެފަދަ ކަންތައްތަކަށް ހިތްވަރެއް ނުދޭނަން. މިތަނުގައި މީހުންގެ އަނބުރު ކަތިލާ ހިންގާ ހަޑިހުތުރު އަމަލުތައް ނުދައްކަންވެގެން ވީޓީވީން ޖަލްސާ ލައިވް ނުކުރަނީ އަޅުގަނޑަށް އެގިފައިވާ ގޮތުގައި. ރާއްޖެ ޓީވީއަށް ގެއްލުންދިންއިރު އެޓީވީ ހުންނަ ބައިގެ ހަތަރުވަނަ ބުރީގައި ފްލައިމީގެ އޮފީހެއްވެސް ހުރޭ. އެތަނަށްވެސް ވަނީ ގެއްލުން ލިބިފައި. އަދި ރާއްޖެ ޓީވީގެ ތިރީބައިގައިވެސް ވިޔަފާރި ކުރާ ފަރާތްތަކަށް މިކަމުން ގެއްލުންތަކެއް ލިބިފައި ހުރީ. މިއީ ގިނަ ރައްޔިތުންތަކަކަށް އަދި އެމީހުންގެ ވިޔަފާރިއަށް ލިބުނު ގެއްލުމެއް" ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ މިއަދު ސަލާމަތީ ފަރާތްތަކަށް އަމާޒުކޮށް އެފަރާތްތަކުގެ އަގުވައްޓާލުމަށް ވާހަކަދައްކަމުންދާއިރު މީގެ ކުރިން އެމީހުންނަށް އަނިޔާކުރުމަށް ފާޅުގައި ގޮވާލީ ކޮންބައެއްކަން މިއަދު ރައްޔިތުންނަށް އޮޅިފައި ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެ ޓީވީއަށް ދިން ހަމަލާ ގާސިމް ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ