ސުޕްރީމް ކޯޓަށް ނަޝީދު ވަރުގަދަ އިންޒާރެއް ދެއްވައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ސުޕްރީމް ކޯޓުން ހުއްޓުވައިގެން ނުވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ކޯޓަށް މިރޭ ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވީ ހއ. ކެލާ އަދި ދިއްދޫ ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބު ސުޕްރީމް ކޯޓުން "ގެންދިޔަ" ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބު އެ ބޭފުޅުންނަށް ނޭނގި ތިއްބާ "އަތުން ދޫވެ، ހިނގައްޖެ" ކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ހުއްޓުވައިފިނަމަ އެއީ ތަރައްގީއަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށާއި އެފަދަ ކަމެއް ކޮށްފިނަމަ ރައްޔިތުން މައާފު ނުކުރާނެ ކަމަށް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އެފަދަ ކަމެއް ކޮށްފިނަމަ މިއީ "އަޅުގަނޑުމެން ވެސް އުޅެ ބޮޑުވި ފަސްގަނޑު" ކަމަށެވެ. އަދި މިތަނުގައި އަބަދު ބޭއިންސާފުން ކަންކަން ނުކުރެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނިސްބަތްކުރައްވައި އެމަނިކުފާނު ވިދާޅުވި އެވެ. "އުއްތަމަ ފަނޑިޔާރު ފާއިޒަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަކީ ވެސް ހަމަ މިރަށުގައި އުޅެ، ބޮޑުވި ކުދިންކަން. އަޅުގަނޑުމެން މި ރަށު ފަސްގަނޑުގައި ތިބި ހާ ހިނދަކު އަބަދަކު ތިބޭފުޅުންނަށް ރައްޔިތުންނަށް އަބަދަކު ބޭއިންސާފެއް ރައްދެއް ނުކުރެވޭނެ. އިރާދަކުރެއްވިއްޔާ ރައިވެރިއެއްގެ ދަރިއަކަށް ވެސް އަންނާނެ އެތިފަހަރެއް،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުން އިންތިޚާބު "ގެންގޮސްފިނަމަ" ރައްޔިތުން އެއްވާންޖެހޭ ތަނަކަށް އެއްވާނެ ކަމަށާއި އެފަދަ ކަމެއް ސުޕްރީމް ކޯޓުން ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެގޮތަށް ގެންގުޅޭ ވިސްނުމަކީ ދެއުޅި އެއްނުވާ ވިސްނުމެއް ކަމަށާއި އެފަދަ ބިރުވެރިކަމެއްގައި ރައްޔިތުން ދެނެއް ނުތިބޭނެ ކަމަށާއި ރައްޔިތުން ތިބީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގަނެގެން ކަމަށް ވިދާޅުވި އެވެ. ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވެ ނަޝީދު ވާހަކަ ދެއްކެވިއިރު ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކާ ބައެއް ފަރާތްތަކާ މެދު އެ ކޯޓުން ގެންދަނީ ފިޔަވަޅު އަޅަމުންނެވެ. ސަރުކާރަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވީ ދަބަރު ޖަހާފައިވާ އެއްޗެއް ރާއްޖޭގެ އެތަން މިތަނަށް ފޮނުވައިގެން ނަރުދަމާ އާއި ބަނދަރު ހަދައިދޭނެ ކަމަށް ބުނެ ސަރުކާރުން އުޅެނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. ނަމަވެސް ތަރައްގީ އަކީ ވަކި މީހަކު އިންތިޚާބު ކުރުމުން ގެނެވޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ. ނަޝީދު އިތުރަށް ވިދާޅުވީ އަލަށް އިންތިޚާބުވާ މަޖިލީހުގެ އެންމެ ބޮޑު އަމާޒަކަށް ވާންޖެހޭނީ ކައުންސިލްތަކަށް ބާރުވެރިކަން ހޯދައި ދިނުން ކަމަށާއި ތަރައްގީ ގެނެވޭނީ އެގޮތަށް ކަމަށެވެ. އެގޮތުން ގެސްޓް ހައުސް ވިޔަފާރި ތަރައްގީކޮށްގެން ރަށްރަށަށް އާމްދަނީ އިތުރުކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރެވެން އަންނަނީ ގާނޫނުތަކަށް ބަދަލު ގެނެސްގެންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. "ދާދި މިދާކަށް ދުވަހަކާ ޖެހެންދެން މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސްތައް އެޅުން މަނާ. އެހެންވީމާ އެ ރަށްރަށަށް އެއިން އާމްދަނީއެއް ނުލިބޭ. މިއަދު ގާނޫނުން އަޅުގަނޑުމެން އެ ބަދަލު ގެނައިމާ ރާއްޖޭގެ އެތައް ރަށެއްގައި މިހާރު މުޅިން އަލަށް އެތައް ތަނެއް އުފެދިއްޖެ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ