އެމްޑީޕީ އާއި ޖޭޕީން އުޅެނީ އަޅުވެތިކަމަށް މަގުފަހި ކުރަން: މެމްބަރު އިސްމާއިލް

ގާނޫނުއަސާސީ ދިފާއުކުރުމުގެ ނަމުގައި އެމްޑީޕީ އާއި ޖޭޕީން ފަށާފައިވާ މަސައްކަތްތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި، ރާއްޖޭގެ ގަދަރާއި ހައިބަތު ނައްތާލައި އަޅުވެތިކަމަށް މަގުފަހި ކުރުމަށް ހިންގާ ޖަރީމާތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ. ވެރިކަންކުރާ ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭ އަށް ނިސްބަތްވެވަަޑައިގަންނަވާ މުހައްމަދު އިސްމާއީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ޖޭޕީގައި ތިބި، އެ ޕާޓީ ބައިބައިކޮށްލަން މަސައްކަތްކުރާ ބަޔަކު އެމްޑީޕީއާ ގުޅެން ނިންމީ "ނަގޫ ފިތިގެން ތިބެ" އެވެ. އެ ކަމާ މެދު ޖޭޕީގެ މެމްބަރުންނާއި ދިވެހި ރައްޔިތުން ވިސްނާނެ ކަމަށާއި ޖޭޕީގެ އާއްމު މެމްބަރުން ތިބީ އެ ކަމާ ނުރުހިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިސްމާއިލް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ އެތައް ގުރުބާނީއަކާ އެކު އިންތިހާބު ކޮށްފައިވާ ސަރުކާރުން ރާއްޖޭގެ ތަރައްގީ އާއި ރައްޔިތުންގެ ލާބަ އަށް ގިނަ ކަންތައްތަކެއް ކުރަމުން ގެންދިއުމަކީ ނަޝީދަށާއި އެ މަނިކުފާނަށް ތާއީދުކުރާ މީހުންނަށް ކެތްކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެ ކަންކަމާ ދެކޮޅަށް އެމްޑީޕީ އާއި ޖޭޕީން މަސައްކަތް ކުރަނީ ގަައުމުގައި އޮތް ސުލްހަ މަސަލަސްކަން ނަގާލަން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. "މިއަދު ތިޔަ ބޭފުޅުން އޭ4 ސައިޒް ގަނޑަކަށް ވުރެ ތުނިވެގެން ރައީސް ނަޝީދަށާއި އެމްޑީޕީން ބޭނުންވާ ގޮތަށް ކަންކަން ކުރަމުން ދާއިރު ޖުމްހޫރީ ޕާޓީގެ އާއްމު މެމްބަރުން ތިއްބެވީ އެކަމާ ނުރުހިފަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުން ތިޔަ ކުރައްވާ މަސައްކަތުން ޕާޓީގެ އާއްމު މެމްބަރުންގެ ތާއީދު ގެއްލުން ފިޔަވައި އިތުރު ކަމެއް ނުވާނެ އެވެ،" ބަޔާނުގައިވެ އެވެ. އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދުގެ ވެރިކަމުގައި ގާނޫނުއަސާސީއާ ހިލާފަށް ކުރެއްވި ބައެއް ކަންތައްތައް އިސްމާއީލް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ، ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި ކޯޓުތަކުގެ ގާޒީން "ވަގަށް ނަގައި" ހައްޔަރުކުރުމާއި ސިޔާސީ ވާދަވެރިން ފުލުސް އޮފީހަށް ހާޒިރުކޮށް ބަންދުގައި ބޭތިއްބުމުގެ އިތުރަށް، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ "ވަސް މި ގައުމުން ފުހެލުމަށް" މަސައްކަތް ކުރެއްވުމެވެ. "އެ މީހަކު ކެހި ކަނޑުލެއްގެ ހިތި ފިލުވާނީ އެ މީހެކޭ ބުނާ އުސޫލުން ރައީސް ނަޝީދު ހައްދަވާފައި ހުރި ގޯސްތަކާ ހުރެ ގާނޫނީ ފިޔަވަޅެއް އަޅާފާނެކަން ކަށަވަރުވުމުން، އެ ކަމުން ސަލާމަތްވެވޭނެ ގޮތްތައް ހޯދުމަށް މިއަދު އެ ވަނީ ޖުމްހޫރީ ޕާޓީގައި ތިބި މީހުންނާ ގުޅި އޮނަރަބަލް ގާސިމް އިބްރާހީމްގެ އުނގަށް ވެއްޓިފަ އެވެ،" ނަޝީދު ކުރެއްވި ގާނޫނާ ހިލާފު ކަންކަމާ ދެކޮޅު ހަދައި ގާނޫނުއަސާސީ ހިމާޔަތްކުރަން އޭރު ނުނިކުތީ ކީއްވެތޯ ސުވާލު އުފައްދަވަމުން، އިސްމާއީލް ވިދާޅުވި އެވެ. އޭނާ ވަނީ "ގުނބޯ ހެދިގެން" ނޫޅެ، ރައްކާތެރިކަމާ އެކު ގައުމުގެ ކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތަށް އެނބުރި އައުމަށް ޖޭޕީގެ އާއްމު މެމްބަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ. ވަގުތާއި ފުރުސަތު އަދިވެސް އެބަ އޮތް ކަން ފާހަގަކުރައްވައި އޭނާ ވަނީ، ގައުމުގެ "ދުވަސް ދުއްވާލުމަށް" ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމުގެ ބަދަލުގައި ގައުމަށް ހެޔޮ އެދޭ، އިހުލާސްތެރިންނާ އެކު މަސައްކަތް ކުރުމަށް ވެސް ޖޭޕީގެ މެމްބަރުންނަށް ގޮވާލައްވާފަ އެވެ. "ރައީސް ނަޝީދަކީ ހަމަ ރައީސް ނަޝީދެވެ. މާދަމާ ވެސް ތިޔަ ބޭފުޅުންގެ ކަރަށް ފައިން އަރުއްވާކަށް ރައީސް ނަޝީދު ޖެހިލުމެއް ނުވާނެ އެވެ،" ބަޔާނުގައިވެ އެވެ. ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ކަންކަން ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވަން، މަޖިލީހުގެ ތެރެއިންނާއި ބޭރުން އެމްޑީޕީ އާއި ޖޭޕީ ގުޅިގެން މަސައްކަތް ކުރަން ވަނީ އެއްބަސްވެފަ އެވެ. އެ ކަމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތައް ރަސްމީ ކުރުމުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސޮއި ކުރާނެކަން ރޭ ވަނީ އިއުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ