ސަރުކާރު ތެރެއިން ވެސް ކޮރަޕްޝަން ނައްތައިލަން ޖެހޭ: މައުމޫނު

ވެރިކަން ކުރާ ޕީޕީއެމްގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ވެސް ކޮރަޕްޝަން ނައްތައިލަން ޖެހޭ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ޕީޕީއެމަށް ސޮއިކުރުމަށް ސްޓެލްކޯ މާލަމްގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ކޮރަޕްޝަންގެ ކަންތައް މުޅިން ނައްތައިލަން ޖެހޭ ކަމަށެވެ. "...ކޮރަޕްޝަންގެ ކަންތައް ވެއްޖެ އަޅުގަނޑުމެން ނައްތައިލަން ، އެކީ އެކައްޗަކަށް. ޕާޓީގެ ތެރޭގައި ވެސް ޕާޓީން ބޭރުގައި ވެސް ، ސަރުކާރުގެ ދާއިރާގައި ވެސް ސަރުކާރު ނޫން ދާއިރާގައި ވެސް،" މައުމު ވިދާޅުވިއެވެ. މައުމޫނު ވިދާޅުވީ ކޮރަޕްޝަން އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި ޕީޕީއެމް އުފެދުނީ ވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ޕީޕީއެމްގެ މުޒާހަރާތަކާއި އެއްވުންތަކުގައި ވެސް އެވާހަކަ ވަރަށް ގަދައަށް ދައްކާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވިދާޅުވީ ޕީޕީއެމްއަށް ރައްޔިތުން އިންތިހާބު ކާމިޔާބުކޮށްދެއްވީ އެވާހަކަ ގަބޫލުކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ. "... ރައްޔިތުން އަޅުގަނޑުމެންނަށް އިންތިހާބު ކާމިޔާބު ކޮށްދެއްވީ ކޮރަޕްޝަން ނައްތާލައި ލުއި ފަސޭހަކަމާ ތަރައްގީ ހޯދައިދޭން މަސައްކަތް ކުރާ ޕާޓީއަކަށް އަޅުގަނޑުމެންގެ ޕާޓީ ވާތީނ އެކަމުގެ ސަބަބުން. އެހެންވީމާ އެ އެބަ ޖެހޭ އަޅުގަނޑުމެން ސާބިތު ކޮށްދޭން،" މައުމޫނު ވިދާޅުވިއެވެ. ކުރިން ޖުމްހޫރީ ޕާޓީގައި ތިއްބެވި، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު މުޙައްމަދު މުބީނާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބުދުﷲ އަޙުމަދު ޕީޕީއެމް އަށް ސޮއިކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނާއި ބައެއް ވަޒީރުން ވެސް ބައިވެރިވަވަޑައިގެންނެވިއެވެ. އަދި ޕީޕީއެމްގެ ނައިބު ރައީސް ޢަބުދުﷲ ޢަބުދުއް ރަޙީމާއި އެޕާޓީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެޕާޓީގެ އާއްމު މެމްބަރުން ވެސް އެ ޖަލްސާގައި ބައިވެރި ވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ