އަޔާއާއި އުމަރުޖަނޯވްގެ ގޯލްތަކުން ވެލެންސިއާ ބަލިކޮށް، ދަ ގްރާންޑޭ ތިންވަނައަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދަ ގްރާންޑޭއިން ކްލަބު ވެލެންސިއާ ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ދަ ގްރާންޑޭއިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ ދަ ގްރާންޑޭ ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. ދަ ގްރާންޑޭ ތިންވަނައަށް އެރީ ހަ މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ވެލެންސިއާ ލީގުގައި ފުރަތަމަ ފަހަރަށް ބަލިވި އިރު، އެ ޓީމަށް ވަނީ އެއްވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރަން އޮތް ފުރުސަތު ގެއްލިފައެވެ. މާޒިޔާ އެއްވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކުއެވެ. ވެލެންސިއާ ދެވަނައިގައި އޮތީ ހަ މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.
މެޗަށް ވެލެންސިއާއިން ނުކުތީ އަނިޔާގައި ހުރި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ފުރަތަމަ 11 ގައި ނުހިމަނައެވެ. ފުރަތަމަ 11 އިން އޭނާ ނުފެނުނު ނަމަވެސް މެޗުގެ ފަހު 25 އަކަށް މިނެޓުގައި އޭނާ ކުޅެން ނުކުމެފައި ވެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާކޮށް ފެނުނީ ވެލެންސިއާއެވެ. މެޗުގެ ނުވަވަނަ މިނެޓުގައިވެސް ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ)އަށް ފަހި ފުރުސަތެއް ލިބި ފޮނުވާލި ހަމަލާ ދަ ގްރާންޑޭގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) މަތަކޮށްފައިވާ އިރު، އޭގެ އިރުކޮޅެއް ފަހުން ސްޕެއިނުގެ މިޑްފީލްޑަރު އެންޓޯނިއޯ ސޮލާ (ޓޯނީ)، ސެންޓޭއަށް ވައްޓާލި ހިތްގައިމު ބޯޅައަށް ކުރިއަށް ޖެހި އޭނާ ފޮނުވާލި ހަމަލާ ދިޔައީ މަތިން ބޭރަށެވެ.
ހާފ ނިމެން އުޅެނިކޮށްވެސް ވެލެންސިއާއަށް އިތުރު ދެ ފުރުސަތެއް ލިބިގެން ދިޔައެވެ. ސެންޓޭއަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަވެސް ކިޗީ ދިފާއުކުރި އިރު، އޭރިއާތެރެއިން ހަސަން ސުފިއާން (ސޫފީ) އަށް ލިބުނު ފުރުސަތު އޭނާވެސް ނަގާލިއެވެ.
ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ދަ ގްރާންޑޭ އިން ވަނީ ހުސެއިން އައިކްގެ ބަދަލުގައި އަޔާޒް އަހުމަދު (އަޔާ) ކުޅެން އަރުވައިފައެވެ. ދެވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ އަޔާ ވަނީ ދަ ގްރާންޑޭ އަށް ލީޑު ނަގައިދީފައެވެ. އޭރިއާ ބޭރުން އަޔާ ޖެހި ބޯޅަ ގޯލުގެ ދުރު ކަނަށް ވަން އިރު، ކީޕަރު ޗެކް ހުރީ ހަރަކާތް ހުއްޓިފައެވެ.
ފަހު ހާފް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ވެލެންސިއާ އިން އެއްވަރުކުރީ މެޗުގެ 86 ވަނަ މިނިޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު އިމާޒް (އާއްކޮ) ނަގައިދިން ހުރަހަކުން ދަގަނޑޭ ގޯލް ޖެހީ ބޮލުންނެވެ. އެ ގޯލާއެކު މެޗު ނިމެން ދަނިކޮށް މެޗުގެ ފަހު ވަގުތު ކޮޅުގައި ދަ ގްރާންޑޭއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ އަހްރޯރް އެވެ.
މެޗުގެ ފަހު މިނެޓްގައި ވެލެންސިއާށް ޕެނެލްޓީއެއްވެސް ލިބުނެވެ. ސެންޓޭގެ ޕެނެލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ