ޕީޕީއެމްގެ ޓީމުތައް އަތޮޅުތަކަށް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް )ޕީޕީއެމް( އަށް މެމްބަރުން އިތުރުކުރުމަށް އެޕާޓީގެ ޓީމުތަކެއް ޅ. އަތޮޅާއި މާލެ އަތޮޅުގެ ބައެއް ރަށްރަށް ދިއުމަށް މިއަދު ފުރައިފި އެވެ.
ޕީޕީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނަނީ އެ ދަތުރުތަކުގެ ބޭނުމަކީ "އަހަރެންވެސް ޕީޕީއެމް" ކެމްޕޭނުގެ ދަށުން ޕާޓީއަށް ސޮއިކުރުމަށް ޝައުގުވެރިވާ މެމްބަރުންނަށް އެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ.
އަތޮޅުތަކަށް ޕީޕީއެމް އިން ކުރާ ފުރަތަމަ ދަތުރުގައި ޅ. ކުރެންދޫއާއި އެއަތޮޅު އޮޅުވެލި ފުށީގައި ހަރަކާތްތެރިވާނެ ކަމަށް ޕީޕީއެމް އިން ބުނެ އެވެ. އަދި މާލެ އަތޮޅު ކާށިދޫއާއި ގާފަށް ވެސް ދާން ވަނީ ހަމަޖެހިފަ އެވެ. އަދި ހިންމަފުށީގައިވެސް ޕީޕީއެމްގެ ޓީމެއް ހަރަކާތްތެރި ވަމުން އެބަދެ އެވެ.
ކުރެންދޫގައި ތިބި ޕީޕީއެމް މެމްބަރުންގެ އިސްނެގުމާއެކު އެރަށުގައި ޕާޓީގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޕީޕީއެމް އިން ބުނެ އެވެ.
"މި ދަތުރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކަކާއި ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕީއެމް އަށް މެމްބަރުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ