ރައީސް ޔާމީން ހެއްދެވި ގޯސްތައް ރަނގަޅު ކުރެވޭނީ ރައްޔިތުންގެ ނިންމުމުން: ފައިސަލް

ރައީސް ޔާމީންގެ ސަރުކާރުން ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި އެގޯސްތައް ރަގަޅު ކުރެވެން އޮތީ ސެޕްޓެމްބަރު 23 ގައި ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުގެ ގޮތުގައިވެސް ހުންނެވި ފައިސަލް މިހެން ވިދާޅުވީ އިއްތިހާދުން ރައްޔިތުންގެ އިހުސާސްތައް އަޑުއެހުމަށް ކުރިއަށްގެންދާ ދޮރުންދޮރުން ހަރަކާތުގައި މިއަދު ވިލިމާލެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމުގައެވެ.
ވިލިމާލޭ ރައްޔިތުން ގާތަށް ވަޑައިގެން އެރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބައްލަވާލައްވައި ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ދަތި ދިރިއުޅުމެއް އުޅެމުންދިޔަ ރައްޔިތުންތަކަކާ ބައްދަލުވެ، އެމީހުންގެ އިހުސާސްތައް އަޑުއައްސަވާފައިވާ ކަމަށެވެ. ވެރިކަން ކުރެވޭނީ ރައްޔިތުންގެ ހާލަތު އެނގިގެން ކަމަށާއި ރައްޔިތުން ކައިރިއަށް ގޮސް ހާލަތު ބަލަންޖެހޭ ކަމަށެވެ.
ފައިސަލް ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނަ ކަމަށާއި ވިލިމާލެއަކީ އެއްގޮތަކަށްވެސް އަޅާނުލާ ސަރުކާރުން އިހުމާލުވެފައި އޮތް ތަނެއް ކަމަށެވެ. ވިލިމާލޭ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަން ނުލިބުން ކަމަށާއި އެކަމަށް ހައްލު ބޭނުންވާ ކަމަށެވެ. އެހެންކަމުން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ރައްޔިތުންނަށް ރަގަޅު ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ވަަރަށް ބޮޑަށް އިސްކަން ދެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ ބޮޑަށް ބަލާނެ އެއް ކަމަކީ ބޯހިޔާވަހިކަން. ރައްޔިތުންނަށް ފަސޭހަކަމާ އެކީގައި އުޅެވޭނެ ގޮތެއް ހެދުމަކީ އަސާސީ ހައްގެއް. އަޅުގަނޑުމެން ރައްޔިތުންގެ ވިންދާ އެއްގޮތަށް މިޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނަން. ހަމައެއާއެކު ބޭސްފަރުވާގެ ކަންކަން އެބަފެނޭ. ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭ ގޮތަށް، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމްވާނެ ގޮތަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި މަސައްކަތް ކުރާނަން" ފައިސަލް ނަސީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ