ތިން ފަނޑިޔާރުންގެ ނިންމުމަށް ފާޑުކިޔާނަމަ ފިޔަވަޅު އަޅާނަން: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މަޖިލީހަކުން ނިންމާ ނިންމުމަށް ފާޑުކިޔާނަމަ، އެ ބަޔަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ އެ ކޯޓުން ދެންމެ އަމުރެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައިވަނީ، 1 ފެބްރުއަރީ 2018 ވީ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ހިމެނިފައިވާ ބައެއް ބައިތައް ބާތިލްކޮށް، 6 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅޭގޮތުން ފަނޑިޔާރުންގެ މުސްތަގިއްލު ކަމާމެދު ޝައްކު އުފެދޭގޮތަށް، އަދި ކަން އޮތްގޮތް އޮޅޭގޮތަށް ތަފާތު މިޑީއާތަކުންނާއި އެކިއެކި ފަރާތްތަކުން ހަގީގަތާ ޚިލާަފަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ޣައިރުގާނޫނީ ވާހަކަތަކަކީ އެފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާބެހޭ ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއްނެތި އަޅަމުން ގެންދާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން މައްސަލަތައް ނިންމަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އަމުރުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ 5 ކަމަށް ވާތީ، ގާނޫނޫއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅޭ ދުސްތޫރީ މައްސަލަތައް ފިޔަވައި، ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިސާސްގެ ދަށުން ބެލޭ ދުސްތޫރީ ތަބީއަތުގެ މައްސަލަތަކާއި އަދި އެފަދަ މައްސަލަތަކާ ގުޅޭ ކަމެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅައިނަމަ، ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން އެފަދަ ދުސްތޫރީ މައްސަލައެއް ބަލައި ނިންމުމަށް ދުސްތޫރީ ގޮތުންނާއި އަދި ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަން އެނގޭ ކަމަށެވެ.
އަދި އެއްވެސް ސަބަބަކާ ހުރެ އުއްތަމަ ފަނޑިޔާރަށް ހާޟީރު ނުވެވޭނަމަ އެއިރެއްގައި ފަނޑިޔާރުންގެ މަޖިލީހަށް ހާމިރުވެ ތިބި އެންމެ ސީނިއަރ ފަނޑިޔާރެއްގެ ރިޔާސަތުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހެއް ކުރިއަށް ގެންދިއުމަށް އެއްވެސް ހުހަރެއް ނެތްކަމަށްވެސް އަމުރުގައި ބުނެފައި ވެއެވެ.
"އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކަމާއި، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެކަމާއި، ފަނޑިޔާރުންގެ މަސައްކަތުގައި ގާނޫނުއަސާސީއަށާއި ގާނޫނާ އަދި އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަންތައް ނިންމަންވާނީ ވަކި ފަރާތަކަށް ބުރަނުވެ ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ ތައްސަބުން އެއްކިބާނެ ތިބެގެންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 141 ވަނަ މާއްދާއާއި 142 ވަނަ މާއްދާއިން ރަނގަޅަށް އެނގެން އޮވޭ" ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ